ގާސިމް ވިދާޅުވީ އޭނާ އަކީ މާ ރިލެވެންޓް މީހެއް ކަމަށް ނުދެކޭ ކަމަށް. އުމަރު ނަސީރަށް ވުރެ ދަށުން ވޯޓު ލިބިގެން އައީމާ، މާ ބޮޑު މީހަކަށް ވެގެން އުޅެން ބޭނުން ނުވާ ކަމަށް ވިދާޅުވި. ގާސިމް ދެން ވިދާޅުވީ އެހެން އެވީ މި ދިޔަ ސަރުކާރުތަކުން ކޮށްފައި ހުރި ވިޔާނުދާ ކަންތައްތަކުގެ ބްލޭމް އޭނާގެ ބޮލުގައި ވެސް އެޅުނީމާ ކަމަށް.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރަށް ވުރެ މަދުން ވޯޓު ލިބި، ލަދުގަންނަވަރުގެ ނަތީޖާއަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، އެކަމުގެ ޒިންމާ ކުރީގެ ސަރުކާރުތަކުގެ ބޮލުގައި އަޅުވައިފި އެވެ.

ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން ކޯލިޝަން ހަދާނެ ޕާޓީއެއް ކަނޑައެޅުމަށް އިއްޔެ ބޭއްވި އެ ޕާޓީގެ ކައުންސުލް ބައްދަލުވުމަށް ފަހު، ފުރަތަމަ ބުރުގައި އެހާ ދަށް ނަތީޖާއެއް ނުކުތީ ކީއްވެތޯ ނޫސްވެރިން ސުވާލު ކުރުމުން ގާސިމް ފުރަތަމަ ވެސް ވިދާޅުވީ ތާއީދު ނެތީ ކަމަށެވެ.

"އެކަހަކަ ވިޔާނުދާ ސަރުކާރުތައް ގެންނަން މަ މަސައްކަތް ކުރީތީ. ކީއްވެގެންތޯ މަގޭ އިއްޒަތުއް ނަފްސް ނަގާލަން މިކަހަލަ ވިޔާނުދާ ސަރުކާރުތައް ގެންނަން، ކޮރަޕްޝަނަށް މަގު ފަހިކުރަން، މީހުން ވެރިކަމަށް މަ ގެނައުމުގެ ބޭނުމަކީ. ބުނެބަލަ؟" ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމުމަށް ފަހު ގާސިމް ވިދާޅުވި އެވެ.

ގާސިމް ދެން ވިދާޅުވީ އޭނާ އަކީ މާ ބޭނުންތެރި މީހެއް ކަމަށް ރައްޔިތުން ބަލައިނުގަތް ކަމަށެވެ.

"އަޅުގަނޑަކީ މާ ރިލެވެންޓް މީހެއް ކަމަކަށް ނުދެކެން. އުމަރު ނަސީރަށް ވުރެ ދަށުން ވޯޓު ލިބިގެން އައީމާ، މާ ބޮޑު މީހަކަށް ވެގެން އުޅޭކަށް ބޭނުމެއް ނޫން. މިި ހަގީގަތަކީ. އެހެން އެވީ މި ދިޔަ ސަރުކާރުތަކުން ކޮށްފައި ހުރި ވިޔާނުދާ ކަންތައްތަކުގެ ބްލޭމް އަޅުގަނޑުގެ ބޮލުގައި ވެސް އެޅުނީމާ. ކޮންމެ ސަރުކާރެއް ގެނައީމާ ވެސް ކާ ވާހަކަ އާއި ކޮރަޕްޝަނުގެ ވާހަކަ ރައްޔިތުން ދައްކާ. އަރިއަށް ހުރަހަށް އެގޮތް މިގޮތަށް މިދަނީ ދޯ،" ގާސިމް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގެ މި ދަށް ނަތީޖާއާ އެކު ވެސް އެންމެ ފަހު ފުރާނަ ދަންދެން ކޮރަޕްޝަނަށް ނައްތާލުމަށާއި ގައުމު އިސްލާހު ކުރަން މަސައްކަތް ކުރުން މަތީ ދެމިހުންނަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

އަޅުގަނޑަކީ މާ ރިލެވެންޓް މީހެއް ކަމަކަށް ނުދެކެން. އުމަރު ނަސީރަށް ވުރެ ދަށުން ވޯޓު ލިބިގެން އައީމާ، މާ ބޮޑު މީހަކަށް ވެގެން އުޅޭކަށް ބޭނުމެއް ނޫން. މިި ހަގީގަތަކީ. އެހެން އެވީ މި ދިޔަ ސަރުކާރުތަކުން ކޮށްފައި ހުރި ވިޔާނުދާ ކަންތައްތަކުގެ ބްލޭމް އަޅުގަނޑުގެ ބޮލުގައި ވެސް އެޅުނީމާ. ކޮންމެ ސަރުކާރެއް ގެނައީމާ ވެސް ކާ ވާހަކަ އާއި ކޮރަޕްޝަނުގެ ވާހަކަ ރައްޔިތުން ދައްކާ. އަރިއަށް ހުރަހަށް އެގޮތް މިގޮތަށް މިދަނީ ދޯ
ގާސިމް

"ސިޔާސީ ގޮތަކުން ނޫނޭ. މަށަކީ އިސްލާހަށް މަސައްކަތް ކުރާ މީހެއް. މަ ބުނިންދޯ އަބަދުވެސް އެންމެ ރަނގަޅު ކެންޑިޑޭޓަކަށް ވޯޓު ދެއްވާށޭ. މަދު ފަހަރަކު އަޅުގަނޑަށް ވޯޓު ދޭށޭ ބުނެފައި އޮންނާނީ. އިނގޭތޯ،" ފުރަތަމަ ބުރުގެ ވޯޓަށް ފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވި އެވެ.

އެންމެ ގިނަ ވޯޓާ އެކު ދެވަނަ ބުރަށް ދަތުރުކުރީ ވިޔާނުދާ ކަމަށް ގާސިމް އެ ވިދާޅުވި ކުރީގެ ސަރުކާރުތަކުގެ ދެ ކެންޑިޑޭޓުންނެވެ. ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެއްލައްކަ އަށް ވުރެ ގިނަ ވޯޓު ހޯއްދެވި އެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ 86،000 އަށް ވުރެ ގިނަ ވޯޓު ހޯއްދަވައިފަ އެވެ.

ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގާސިމް ދިރިއުޅުއްވާ ސަން އައިލެންޑް ރިސޯޓަށް ވަޑައިގެން ދެ ދުވަސްވަން ދެން މަޝްވަރާ ކުރައްވައިފަ އެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ވެސް ވަފުދެއް ގާސިމްއާ ބައްދަލުކޮށް ކޯލިޝަންގެ މަޝްވަރާތައް ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް ކޯލިޝަން ހަދާނެ ވަކި ބަޔަކު ނިންމުމުގެ އިޚްތިޔާރު ކައުންސިލުން ގާސިމަށް ދިނުމުން، ގާސިމް ނިންމަވާފައި ވަނީ ދެވަނަ ބުރުގައި އެއްވެސް ބަޔަކާ ބައިވެރި ނުވުމަށެވެ.

މަދުން ވޯޓުލިމުގެ ޒިންމާ ކުރީގެ ސަރުކާރުތަކުގެ ބޮލަށް ގާސިމް ކަނޑާލި ނަމަވެސް، ގިނަ ބަޔަކު ގަބޫލްކުރާ ގޮތުގައި މިފަހަރުގެ އިންތިޚާބުގައި ގާސިމަށް މަދުން ވޯޓު ލިބުމުގެ އެއް ސަބަބަކީ ރަށްރަށަށް އަރައިވަޑައިގެން ކޯފާ އިސްކުރައްވައި ރައްޔިތުންނާ މުޚާތަބު ކުރެއްވުމުން ރައްޔިތުން ވެސް ގާސިމަށް ކޯފާ އިސްކުރުމެވެ. އަދި ކޮށްދެއްވި ކަންތައްތަކަށް މާގިނައިން ކަލަގޮވުމެވެ. އަނެއް ސަބަބަކީ ރިޔާސީ އިންތިޚާބުން 2018 ގައި ޕީޕީއެމް ބަލިވުމުން އެ ޕާޓީ ދޫކޮށް ޖޭޕީއާ ގުޅުނު މީހުންނަށް ރައްޔިތުން އިތުބާރު ނުކުރުމެވެ. ރައްޔިތުން ގަބޫލުކުރީ އެ ގްރޫޕް އުޅުނީ ގާސިމް އަތުން ނާޖާއިޒު ފައިދާ ހޯދުމުގައި ކަމަށެވެ.

މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ގާސިމަށް ލިބިވަޑައިގެންނެވީ 5،460 ވޯޓު ނުވަތަ 2.47 ޕަސެންޓެވެ. މިއީ މީގެ ކުރީގެ އިންތިޚާބުތަކުގެ ނަތީޖާއާ އަޅާބަލާއިރު ވަރަށް ދަށް ނަތީޖާ އެކެވެ. ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ގާސިމަށް ވަނީ 27,056 ވޯޓު ނުވަތަ 15.32 ޕަސެންޓް ލިބިވަޑައިގެންފަ އެވެ. އެ އިންތިޚާބުގެ ދެވަނަ ބުރުގައި ގާސިމް ތާއީދު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދަށެވެ. ނަމަވެސް 21 ދުވަސްތެރޭ ވަނީ ގާސިމް އިސްތިއުފާ ދެއްވައި ކޯލިޝަނުން ވަކިވެފަ އެވެ.

ދެހާސް ތޭރަ ވަނަ އަހަރުގެ އިންތިޚާބުގައި، ސުޕްރީމް ކޯޓުން ބާތިލްކުރި ފުރަތަމަ ބުރުގައި، ގާސިމް ވަނީ 50,422 ވޯޓު ނުވަތަ 24.07 ޕަސެންޓް ހޯއްދަވައިފަ އެވެ. އެ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވަނީ ގާސިމް 48,131 ވޯޓު ނުވަތަ 23.34 ޕަސެންޓް ހޯއްދަވައިފަ އެވެ. ދެވަނަ ބުރުގައި ތާއީދު ކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓް ޔާމީން އަބްދުލް ގައްޔޫމަށެވެ. ނަމަވެސް ދެ މަސްތެރޭ އެ ކޯލިޝަން ވެސް ވަނީ ރޫޅިފަ އެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ އިންތިޚާބު އައިއިރު ގާސިމް ހުންނެވީ ޝަރުއީ ހުކުމެއްގަ އެވެ. އެ އިންތިޚާބުގައި ވާދަކުރެއްވޭ ގޮތް ނުވުމުން ގާސިމް ތާއީދު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. ޖުމްހޫރީ ޕާޓީ އާއި ގާސިމް އަދިވެސް ހުންނެވީ އެ ކޯލިޝަނުގަ އެވެ.