ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އައްޔަން ކޮށްފި އެވެ.

ގާސިމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އަޒްލީން އަހުމަދު ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަލީ އާރިފް އިއްޔެ އިސްތިއުފާ ދެއްވުމުންނެވެ.

އަލީ އާރިފު އިސްތިއުފާ ދެއްވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖޭޕީން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ނިންމާފައިވަނިކޮށެވެ.

ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން އާރިފު އިސްތިއުފާ ދެއްވި ނަމަވެސް އަދި ޕާޓީން ވަކިވެވަޑައިގެންފައި ނުވާ ކަމަށްވެ އެވެ.

ޖޭޕީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ކެލާ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލީ އާރިފް ހަމަޖެއްސީ އޮކްޓޫބަރު 23، 2019 ގަ އެވެ.

އަލީ އާރިފަކީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ބޭފުޅެކެވެ. އެހެންވެ ބޮޑަށް ބެލެވެނީ އަލީ އާރިފް އަނެއްކާ ވެސް ކޮޅު ބަދަލުކުރަން އުޅޭ ކަމަށެވެ. އަލީ އާރިފް ޖޭޕީއާ ގުޅުނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ޕީޕީއެމަށް ނާކާމިޔާބުވުމަށް ފަހު އެވެ. އެ ފަހަރު ޕީޕީއެމް ދޫކޮށް ދިޔަ މީހުން ދެން އެނބުރި އައިސް ޕާޓީން ފުރުސަތު ނޯންނާނެ ކަމަށް ޕީޕީއެމްގެ އެއް ބާނީ އަދި ކުރީގެ ރައީސް ޔާމީން އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ.