މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް ޕާޓީން އަމަލުކުރާނެ ގޮތެއް މިރޭ ނިންމާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑިމޮކްރެޓުން ރަސްމީކޮށް ގޮތެއް ނިންމާނީ މިރޭ 9 ޖަހާއިރު އޮންނަ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގަ އެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓުންގެ ކެންޑިޑޭޓު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވާދަކުރެއްވިއިރު 15،839 ވޯޓާ އެކު ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި އެވެ.

ޑިމޮކްރެޓުން ވަނީ ދެވަނަ ބުރުގައި އިއްތިހާދުވާނެ ޕާޓީއެއް ނިންމަށްޓަކައި އިންތިހާބުގައި ދެވަނަ ބުރަށް ދަތުރުކުރި އެމްޑީޕީ އާއި ޕީޕީއެމާ އެކު ވެސް މަޝްވަރާތައް ކުރިއަށް ގެންގޮސްފ ައެވެ. އެގޮތުން ނިޒާމީ ވޯޓެއްގެ ހުށަހެޅުން ޑިމޮކްރެޓުންގެ ފަރާތުން ދެ ޕާޓީއަށް ވެސް ހުށައަޅާފައިވާއިރު އެކަމުގައި އެދެވޭ ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ.

މިހާތަނަށް ދެވަނަ ބުރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު އިތުރު ޕާޓީއަކުން ކޯލިޝަން ހަދާފައިނުވާއިރު ޑރ. މުއިއްޒުއާ އެކު އެމްއެންޕީން ވަނީ ކޯލިޝަން ހަދައިފަ އެވެ.

އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް އަދި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރު ނިންމެވީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރެއްވުމަށެވެ.