އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، ކޭޓީ ޕެރީގެ މިއުޒިކް ރައިޓްސް 225 މިލިއަން ޑޮލަރަށް ވިއްކާލައިފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކޭޓީ ލަވަތަކުގެ ރައިޓްސް ވިއްކާލީ "ލިޓްމަސް މިއުޒިކް" އަށެވެ.
ކެޓީ ވިއްކާލި މިއުޒިކް ރައިޓްސް ތެރޭގައި ފަސް އަލްބަމެއް ހިމެނެ އެވެ. އެއީ 2008 ވަނަ އަހަރު ރިލީޒް ކުރި "ވަން އޮފް ދަ ބޯއީ" އާއި 2010 އަހަރު ރިލީޒް ކުރި "ޓީނޭޖް ޑްރީމް" އާއި 2013 ވަނަ އަހަރު ރިލީޒް ކުރި "ޕްރިޒަމް" އާއި 2017 ވަނަ އަހަރު ރިލީޒްކުރި "ވިޓްނަސް" އަދި 2020 ވަނަ އަހަރު ނެރުނުނި "ސްމައިލް" ހިމެނެ އެވެ.
މި މިއުޒިކް ރައިޓްސް ވިއްކާލުމުން ކެޓީއަށް އެއްވެސް ފައިދާއެއް ދެން ނުލިބޭނެ އެވެ. މި މިއުޒިކްތައް ވިއްކާލުމާ އެކު މި އަލްބަމްތައް ޕަބްލިޝް ކުރުމާއި ރޯޔަލްޓީގެ ހައްގުތައް މިހާރު ލިބޭނީ ލިޓްމަސް އަށެވެ.
އާންމުކޮށް އަމިއްލަ ނަމުގައި މިއުޒިކް ހިމެނޭ ނަމަ އެ މިއުޒިކް ސްޓްރީމް ކުރުމުންނާއި އެހެން ގޮތްގޮތުގައި ބޭނުން ކުރުމުން ކޮންމެވެސް ވަރަކަށް އާޓިސްޓަކަށް އަބަދުވެސް އާމްދަނީ ލިބޭނެ އެވެ. މިހާރު އެ އާމްދަނީ އެއްކޮށް ދާނީ ލިޓްމަސް އަށެވެ.
އޭނާގެ މިއުޒިކް ރައިޓްސް ވިއްކާލުމަށް ނިންމި ސަބަބެއް ކޭޓީ ހާމަކޮށްފައެއް ނުވެ އެވެ.