މާލޭގެ ބޮޑުތަކުރުފާނު މަގުން ހަތަރު ލޭނަށް ފުޅާކޮށް އަލަށް ތަރައްގީކުރި ސަރަހައްދުގެ މަސައްކަތް ނިންމުމަށްފަހު، އާންމު ދަތުރުފަތުރަށް އެ މަގު މިއަދު ހުޅުވާލައިފި އެވެ.
އެމްޓީސީސީ އިން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން މިއަދު ހުޅުވާލާފައިވަނީ ހެންވޭރު ފެރީ ޓާމިނަލްއިން ފެށިގެން އެމްއެމްއޭ އާ ހަމައަށް ތަރައްގީކޮށްފައިވާ ސަރަހައްދެވެ. އެ ކުންފުނިން ބުނިގޮތުގައި މަގު ހުޅުވާލި ނަމަވެސް، އެއްގަމު ތޮށީގައި ހުރި ސިޑިތަކުގައި ރެއިލިން ހަރުކުރުން ފަދަ ކުދި މަސައްކަތްތައް އަދިވެސް ކުރިއަށްދާނެ އެވެ. އަދި މި ސިޑިތައް ފާހަގަކުރުމުގެ ގޮތުން ރަތްކުލައިގެ ދަވާދުލާފައިވާ ކާބް ސްޓޯން ބަހައްޓާފައި ހުންނާނެ ކަމަށްވެސް އެމްޓީސީސީން ބުނެފައިވެ އެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144.5 މިލިއަން ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ފުރަތަމަ މަރުހަލާގެ ދަށުން މަސްމާރުކޭޓާ ހިސާބުން ފެށިގެން ދެކުނަށް ގޮސް ޖުމްހޫރީ މައިދާނުގެ މެދަކާ ހިސާބަށް އެއްގަމުތޮށި ބޭރަށް ޖައްސައި، މަގު ހަތަރު ލޭނަށް ފުޅާކޮށް ތާރުއަޅާފައިވެ އެވެ. މީގެ އިތުރުން ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށް ވެސް ވަނީ ތަރައްގީކޮށްފަ އެވެ.
މި މަޝްރޫއުގެ ދަށުން ދެން އެންމެ އަވަހަށް ކުރިއަށްދާނީ އެމްޕީއެލް ސަރަހައްދުން ފެށިގެން ވެސްޓް ޕާކާ ހަމައަށް އޮތް ހަލާކުވެފައިވާ މަގުތައް ހެދުމުގެ މަސައްކަތެވެ. ބޮޑުތަކުރުފާނު މަގު އެއްކޮށް ހުޅުވާލުމާ ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެ މަގުގައި ޕާކްކުރުމަށް ކަނޑައަޅާފައިވާ ޒޯންތައް ފިޔަވައި އެހެން ތަންތަނުގައި އުޅަނދުތައް ޕާކު ނުކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފަ އެވެ. އަދި ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާމެދު ފިޔަވަޅު އަޅަމުންދާނެކަމުގެ އިންޒާރު ފުލުހުން ދީފައިވާއިރު، މިއީ މަގުގެ ދަތުރުފަތުރަށް ބުރޫނާރާނެހެން އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅި ފިޔަވަޅެއްކަމަަށް ފުލުހުން ބުންޏެވެ.
އެންޖެލީނާގެ ދަރިންގެ ނަމުން ބައްޕަގެ ނަން އުނިކުރާ ސަބަބު!
މުޒާހަރާ ހުއްޓުވަން ޒުވާނުންނާއެކު ބޭއްވި މަޝްވަރާ ކާމިޔާބު ނުވި
މޯދީއަށް އަންދާޒާނުކުރެވުނު ޒުވާނުންގެ މުޒާހަރާ ވަރުގަދަވަނީ
