ޕެންޝަން ގާނޫނަށް އިސްލާހު ގެނެސް ޕެންޝަން ފައިސާ ނެގޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވީ ޕެންޝަން ފަންޑުން ޕިކްނިކް ދާން ނޫނީ މަޖާކޮށްލަން ދަތުރުދާން ފައިސާ ނެގޭނެ ވާހަކަ ނޫން ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަންގު ޓީވީ އާއި ޗެނަލް 13 ގުޅިގެން ރޭ ގެނެސްދިން "އާސްކް މުއިއްޒު" ޕްރޮގްރާމްގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ ޕެންޝަން ފައިސާ ނެގޭނެ ކަމަށް ވިދާޅުވީ ޕެންޝަން ފަންޑުގައި ވަކި އަދަދަކަށް ފައިސާ ހުރެއްޖެ ނަމަ ވަކި ކަންތައްތަކެއް ކުރަން ޕެންޝަން ފަންޑުން ފައިސާ ނެގޭނެ ވާހަކަ ކަމަށެވެ. އެގޮތުން ޕެންޝަން ފަންޑުން ފައިސާ ނެގޭނީ އަމިއްލަ ގެދޮރު އިމާރާތް ކުރުމަށާއި ވިޔަފާރިއެއް ފެށުމަށާއި ތައުލީމު ހާސިލް ކުރުމަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އެ ތިން ކަން ފުރިހަމަ ކުރުމަށް ވެސް ޕެންޝަން ފަންޑުން ފައިސާ ނެގޭނީ ވަކި އަދަދަކަށް ކަމަށާއި ހުރި ހުރިހާ ފައިސާއެއް ނުނެގޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އެކަން ކުރެވޭނީ ޕެންޝަން ގާނޫނަށް އިސްލާހުތަކެއް ވެސް ގެނެސްގެން ކަމަށެވެ. އެހެންވީމާ އެކަން ކުރައްވާނެ ކަމަށާއި އެހެން ނަމަވެސް އެ މީހެއްގެ މުޅި ޕެންޝަން އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް ނުނެގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގެ އިމާރާތް ކުރަން ބޭނުންވާ މީހާއަށް ވެސް ޕެންޝަން ފަންޑުން ފައިސާ ދޭނީ މުޅިގެ އިމާރާތް ކުރަން ނޫން ކަމަށާއި ކިޔެވުމަށް ރާއްޖެއިން ބޭރަށް ދަރިފުޅު ފޮނުވަން ބޭނުންވާ މައިންބަފައިންނަށް ވެސް އެ ފައިސާ ނެގޭނީ އޭގެން ކޮންމެ ވެސް މިންވަރެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"މީހަކު ޖަމާކޮށްފައި ހުރި ފައިސާ ވަކިވަރަކަށް ވުރެ ބޮޑު ވާނަމަ، ގާނޫނަށް ބަދަލެއް ގެނެސްގެން މިކަން ކުރެވޭނީ. ކޮންމެ ގޮތެއްވިޔަސް ވަކިވަރަކަށް ވުރެ ބޮޑު އަދަދެއް ޖަމާވެފައި ހުރެއްޖިއްޔާ އޭގެން މައިގަނޑު ތިން ކަމަކަށް ފައިސާ ނެގޭނެ. ކޮންމެ ކޮންމެ ކަމަކަށް ނުނެގޭނެ، މަޖާކޮށްލަން ދަތުރުދާ ވާހަކައެއް ނޫން މިދަންނަވަނީ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ޕެންޝަން ފަންޑުން ފައިސާ ނެގޭނެ ސިޔާސަތެއް އެކުލަވާލީ ވަރަށް ގިނަ ރައްޔިތުންގެ ފަރާތުން ލިބިފައި ހުރި ޝަކުވާތަކަށް ބެލުމަށް ފަހު ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކެމްޕެއިނަށް އދ. އަދި އއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އދ. މަހިބަދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ މިހާރު ޕެންޝަން ގާނޫނު އޮތް ގޮތުން އޭގެ ބޭނުން ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތަށް ނުހިފޭ ކަމަށެވެ. އެހެންވީމާ ޕެންޝަން ގާނޫނަށް ބަދަލުތަކެއް ގެނެސްގެން ވެސް ރައްޔިތުންނަށް ޕެންޝަން ފައިސާ ފައިދާ ހުރި ގޮތުގައި ބޭނުން ކުރެވޭނެ ގޮތެއް ހައްދަވައިދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕެންޝަން ގާނޫނު މިހާރު އޮންނަ ގޮތުން ޕެންޝަން ފައިސާ ބޭނުން ކުރެވެނީ ގެދޮރު އިމާރާތް ކުރުމަށާއި ހައްޖުގެ އަޅުކަމަށެވެ.