އާއްމުކޮށް ދިރިއުޅޭ ވަޒަން ފިޔަވައި އެހެން ތަންތަނަށް ގިނައިން ދަތުރު ކޮށް އުޅޭ މީހުންގެ ދިރިއުޅުން މާ އުފާވެރި ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އިނގިރޭސި ވިލާތުގެ ހާވަޑް ޔުނިވާސިޓީގައި ހެދި މި ދިރާސާއިން ދައްކާ ގޮތުގައި މާއްދީ އުފާތަކަށްވުރެ ދަތުރުފަތުރު ކޮށްގެން ލިބޭ ތަޖުރިބާ ގިނަ ދުވަހަށް ދެމި ހުންނަ ކަމަށާއި މިހެންވަނީ އެފަދަ ތަޖުރިބާތަކުން ލިބޭ އުފާތަކުގެ ހޯމޯންތަކުގެ އުމުރު ދިގު ވުމުން ކަމަށެވެ.
މާއްދީ ކަންކަމުން ލިބޭ އުފާތަކަކީ ވަގުތީ އުފާތަކެއް ކަން ފާހަގަ ކުރަމުން ދިރާސާގައި އިތުރަށް ބުނެފައިވަނީ މާއްދީ އެއްޗެއް ގަނެގެން ގިނަ ދުވަސްވާ ވަރަކަށް އޭގެ މަތިން ފޫހިވާ ގޮތްވި ނަމަވެސް ދަތުރު ކުރުމުން ލިބޭ ތަޖުރިބާއިން އަަބަދުވެސް އުފާ ލިބިލިބި ހުންނަ ކަމަށެވެ.
ދަތުރު ކުރުމުން އާ ސަގާފަތްތަކާއި ތަންތަން ދަސްވެ އެވެ. އެފަދަ ވެށްޓެއްގައި ތިމާގެ ވަށައިގެންވާ ކަންކަމާއި ތަކެތިން އުފާވެރިކަން ލިބެ އެވެ. ސިކުނޑިއަށް އައު މައުލޫމާތުތަކެއް ނަގައިގަނެވެ އެވެ. މިފަދަ ތަންތަނުން ލިބޭ އުފާވެރިކަން ހަނދާނުން ފިލައިނުގޮސް ގިނަ ދުވަސް ވަންދެން ހުރެ އެވެ.
ދިގު މުއްދަތުގެ އުފާވެރިކަމަށް ކުރެވިދާނެ އެހެން ކަންކަމުގެ ތެރޭގައި ކުޅިވަރު ތަކުގައި ބައިވެރިވުމާއި އާ ހުނަރުތައް ދަސްކުރުމާއި އާދަޔާޚިލާފު އިވެންޓް ތަކުގައި ބައިވެރިވުން ހިމެނޭ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.
އެހެން ކަމުން ކޮންމެ އަހަރަކު ވެސް އާ ތަނަކަށް ގޮސް އާ ތަޖުރިބާތަކެއް ކުރެވޭތޯ ބަލާށެވެ. އެއީ ރާއްޖެއިން ބޭރުގެ އަގުބޮޑު ގައުމަކަށް ވާކަށް ނުޖެ އެވެ. ރާއްޖޭގެ ކޮންމެ ރަށަކީ ވެސް ތަފާތު ތަޖުރިބާ ތަކެއް ކުރުވާނެ ރަށެއް ކަން ޔަގީނެވެ.