ސިވިލް ކޯޓުގެ އިސްގާޒީ އަހުމަދު ނިމާލް ޖުނައިދު އަވަހާރަވުމާ ގުޅިގެން ޝަރުއީ ދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފި އެވެ.

ސުޕްރީމް ކޯޓުން ބުނީ ޝަރުއީ ދާއިރާގެ ދިދައާ ބެހޭ ގަވާއިދުގެ 14 ވަނަ މާއްދާއާ އެއްގޮތަށް، މިއަދުން ފެށިގެން ކުރިޔަށް އޮތް ތިން ދުވަހަށް ޝަރުއީ ދާއިރާގެ ދިދަ ބައިދަނޑި އަށް ތިރި ކުރުމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ނިންމާފައިވާ ކަމަށެވެ.

މިދިޔަ މާޗު މަހު ސިވިލް ކޯޓުގެ އިސްގާޒީ ކަމުގެ މަގާމަށް އައްޔަންކުރެއްވި ނިމާލް އަވަހާރަވީ މެޔަށް ތަދެއް އަރާ ހޮޑުލެވެތީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

ނިމާލް އަވަހާރަވީ އުމުރުން 36 އަހަރުގަ އެވެ.

ނިމާލްގެ ޖަނާޒާ އޮޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގަ އެވެ. އޭނާ އަވަހާރަވިއިރު، އަންބަކާއި ކުޑަ ދަރިފުޅެއް އެބަ ހުއްޓެވެ.