ހެނދުނުގެ ނާސްތާއަކީ ދުވަހުގެ އެންމެ މުހިއްމު ކެއުންކަން އެންމެން ވެސް ދަނެ އެވެ. ދުވަސް ފެށުމުގެ ގޮތުން ކުރާ މި ނާސްތާގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ހަށިގަނޑަށް ލިބެ އެވެ.

ނަމަވެސް ހެނދުނުގެ ނާސްތާކުރުމުގައި ގެންގުޅެވޭ ބައެއް އާދަތަކުގެ ސަބަބުން އެއިން ލިބެންވާ އެންމެ ރަނގަޅު ފައިދާ ނުލިބޭ ފަހަރު އާދެ އެވެ. އެގޮތުން މި ލިޔުމުގައި މި ބަލާލަނީ ހެނދުނުގެ ނާސްތާ ކުރާއިރު އަހަރުމެންނަށް ހެދޭ ބައެއް ގޯސްތަކަށެވެ.

ހަރުކާނާ ނުކެއުން

ލުނބޯ ފެނާއި އެހެނިހެން ގުދުރަތީ ޖޫސްތަކުގެ އިތުރުން ކޮފީއަކީ ވެސް ހަށިގަނޑަށް ފައިދާހުރި މާއްދާތަކެއް އޭގައި އެކުލެވޭ ބުއިންތަކެއް ނަމަވެސް ހެނދުނުގެ ނާސްތާ ހަމައެކަނި ބުއިމަކުން ފުއްދާލުމަކީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އެކަމުގެ ސަބަބުން ދުވަސް ފަށާއިރު ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތައް ލިބުމަށް ހުރަސް އަޅަ އެވެ.

މާ ލަހުން ކެއުން

ހެނދުނުގެ ނާސްތާ ނުކައި ދޫކޮށްލުމަށް ވުރެ އެ ނާސްތާ ލަހުން ކުުރުމަކީ ސިއްހަތަށް ގެއްލުންހުރި ކަމެއް ކަމަށް މާހިރުން ބުނެ އެވެ. މިކަމުގެ ސަބަބުން ބަރުދަން ލުއިކުރަން ކުރާ މަސައްކަތަށް ހުރަސް އެޅެ އެވެ. އަދި އޭގެ ބަދަލުގައި ބަރުދަން އިތުރުވުމުގެ ފުރުސަތު ވެސް ބޮޑުވެ އެވެ.

ހަކުރު ބޭނުންކުރުން

ހެނދުނުގެ ނާސްތާގައި މާގިނައިން ހަކުރުގެ ބާވަތްތައް ބޭނުން ކުރުމަކީ ހެދޭ އަނެއް ގޯހެވެ. ޖޭމާއި ނަޓެއްލާ ފަދަ ތަކެތީގައި ހަކުރުގެ މިންވަރު ގިނަ އަދަދަކަށް އެކުލެވޭއިރު ޕާނާއި ރޮށި ފަދަ ތަކެތިން ވެސް ހަށިގަނޑަށް އެތެރެވާ ހަކުުރުގެ މިންވަރު އިތުރު ކޮށްދެ އެވެ.