ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓުގައި މާދަމާ އިން ފެށިގެން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ސޮއިކުރަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވޯޓާސް ލިސްޓްގައި ސޮއިކުރެއްވުމުގެ ފުރުސަތު އޮންނާނީ މާދަމާ ހެނދުނު 9:00 އިން ހަވީރު 4:00 އާ ހަމައަށެވެ. އެކަން ކުރިއަށް ދާނީ އީސީގެ އިންތިހާބާ ބެހޭ މަރުކަޒު، ދަރުބާރުގޭގަ އެވެ.

އީސީން ބުނީ ކެންޑިޑޭޓުގެ ބަދަލުގައި ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަންދާ ނަމަ، އެކަން ބަޔާންކޮށް ބަދަލުގައިދާ މީހެއްގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި އައިޑީ ކާޑު ނަންބަރު ހިމެނޭ ގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއަކާ އެކީ ކެންޑިޑޭޓުގެ އައިޑީ ކާޑުގެ ކޮޕީއެއް ގެންނަން ޖެހޭނެ ކަމަށެވެ. އަދި ރަޖިސްޓަރީގައި ސޮއިކުރަން ދާ މީހެއްގެ އައިޑީ ކާޑުގެ އަސްލު ވެސް ގެންދަން ޖެހޭނެ އެވެ.

ދެވަނަ ބުރުގައި ވޯޓުލާ މީހުންގެ ދާއިމީ ލިސްޓް އީސީން އާންމުކޮށްފައިވާ އިރު، މި މަހުގެ 30 ގައި ބާއްވާ ދެވަނަ ބުރުގައި ވޯޓްލުމުގެ ހައްގު 282،395 މީހަކަށް ލިބިގެންވެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ރިޔާސީ އިންތިހާބުގެ ދެބަނަ ބުރުގައި ވޯޓުލުމަށްޓަކައި 586 ވޯޓުލާ މަރުކަޒު ހުންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. މިއީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ވޯޓު ފޮށި ބަހައްޓާ އިންތިޚާބެވެ.