މީގެ ކުރިން ސަރުކާރުން ދޫކޮށްފައިވާ ފްލެޓްތައް ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށް މި ސަރުކާރުން ކުރިއަށް ގެންދާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓާއި ގޯއްޗަށް ކުރިމަތިލެވޭނެކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، ކުރީގެ ސަރުކާރުން ދޫކޯށްފައިވާ ސިނާމާލެ ފްލެޓުގައި ދިރިއުޅޭ މީހުންނަށް، އެ ދިރިއުޅޭތަން ދޫކޮށްލަން އެއްބަސްވާ ނަމަ ސަރުކާރުން މިހާރު ދޫކުރާ ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މީގެ އިތުރުން މީގެ ކުރިން ދޫކޮށްފައިހުރި އެއް ކޮޓަރީގެ ފްލެޓުތަކާއި، ކުންފުނިތަކުން ދޫކޮށްފައި ހުރި ފްލެޓުތަކުގައި ދިރިއުޅޭ މީހުން ވެސް ބިމާއި ފްލެޓަށް ކުރިމަތިލެވޭނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ސަރުކާރުގެ 'ބިންވެރިޔާ' ސްކީމާއި 'ގެދޮރުވެރިޔާ' ސްކީމުގެ ދެވަނަ ފިޔަވަހީގެ ދަށުން ސަރުކާރުން ވަނީ މާލެ ސަރަހައްދުން އިތުރު 4،000 އަށް ވުރެ ގިނަ ގޯއްޗާއި 8،000 ފްލެޓަށް ކުރިމަތިލުމަށް މިހާރު ހުޅުވާލައިފަ އެވެ. މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 24 ވަނަ ދުވަހުގެ ހަވީރު 3 ޖެހުމާ ހަމައަށް މި ސްކީމަށް ފޯމު ހުށަޅުމުގެ ފުރުސަތު އޮންނާނެ އެވެ.

ފުރަތަމަ ފިޔަވަހީގައި ގޯތި ލިބުނު މީހުންނަށް މިހާރު އަންނަނީ ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ފުރަތަމަ ބުރުގައި ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް ވެސް ރޭ ވަނީ ސަރުކާރުން އިއުލާނުކޮށްފަ އެވެ.