ދެކުނުގެ ތިން ސިޓީ ކަމަށްވާ އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އާއި ގދ. ތިނަދޫ ސިޓީގެ ދަތުރުފުޅުން ފެނިވަޑައިގަތީ އިންތިހާބުގެ ނަތީޖާއަށް ވަރަށް ބޮޑު ބަދަލެއް އަންނަ ތަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް މިއަދު އައްޑޫ، ފުވައްމުލައް އަދި ތިނަދޫ އަށް ވަޑައިގަތެވެ. ރައީސް ވަނީ އައްޑޫ އާއި ފުވައްމުލަކުގެ ކެމްޕެއިން ޓީމުތަކާ ބައްދަލު ކުރައްވައިފައެވެ. އަދި ތިނަދޫން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވި އެވެ.
ތިނަދޫގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާ ހިލާފަށް މިފަހަރު އެމްޑީޕީގެ ކެމްޕެއިން ޓީމްތަކުން މަސައްކަތް ކުރަމުން އަންނަނީ މާ ރޭވުންތެރިކަމާ އެކީގައި ކަމަށެވެ. އެކަމުގެ ނަތީޖާ ފެންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެންނަނީ މި ތިން ސިޓީން ވެސް ކުރިއާ އަޅާބަލާއިރު ބޮޑު ތަފާތަކުން ފެނިގެންދާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން އެމަނިކުފާނަށް ކުރި ތާއީދު އަނބުރާ ގެންގޮސް، އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން ނިންމުމާ ގުޅިގެން ރައީސް ވިދާޅުވީ އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އެމްޑީޕީން އޮތީ ހުރިހާ ސިނާރިއޯއަކަށް ތައްޔާރުވެގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ދެން އެކަން އެ ދިޔައީ މާޒީއަށް. އަޅުގަނޑު ދަންނަވާނީ އެ ކުރެވުނީ އެންމެ ރަނގަޅު ގޮތް ނޫންކަން އެކަން އެ ކުރެވުނީ އެންމެ ރަނގަޅު ވަގުތުގައި ނޫން ކަމަށް. ހަމަ ލަސްތަކެއް ނުވެ ފެނުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބަ އޮތް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދެވަނަ ބުރުގެ އިންތިހާބު ބޮޑު ތަފާތަކުން ނެގޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ވެސް އެބަ އޮތް ކަމަށެވެ.