ރަންބީރު ކަޕޫރުގެ ކުރިއަށް އޮތް ފިލްމު "އެނިމަލް"އަކީ ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަމުން އަންނަ އެއް ފިލްމެވެ. އެ ފިލްމުގެ ފުރަތަމަ ޓީޒާ އާއްމުކޮށްފައިވާއިރު އެއަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

މި ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތައް ލަސްވަމުން އަންނާތީ ޕްރޮޑިއުސަރުންގެ އަތުންދާ ޚަރަދުތައް ވެސް އަންނަނީ ބޮޑުވަމުންނެވެ.

މި ސަބަބަށްޓަކައި ފިލްމުގެ އާމްދަނީ ރަނގަޅު ކުރުމުގެ ގޮތުން ލީޑު ރޯލުން ފެނިގެންދާ ރަންބީރު މިވަނީ އޭނާ އެ ފިލްމަށް ނެގި އަގު ކުޑަކޮށްދީފަ އެވެ.

އާއްމު ގޮތެއްގައި ފިލްމަކަށް 70 ކްރޯޑް ރުޕީސް ނެގި ނަަމަވެސް ރަންބީރު ވަނީ އެ އަގު "އެނިމަލް"އަށް 50 ޕަސެންޓް ކުޑަކޮށްދީފަ އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ މި ފިލްމަށް ނެގި އަގަކީ 30-35 ކްރޯޑް ރުޕީސްއާ ދެމެދުގެ އަގެކެވެ.

އެގޮތުން ރަންބީރުގެ އަގުން ކުޑަކޮށްދިން އަދަދު ޕްރޮޑިއުސަރުން ހަރަދު ކޮށްފައިވަނީ ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތަކަށް ކަމަށް ބުނެވެ އެވެ.

ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ނެރެން ހަމަޖެހިފައިވާ "އެނިމަލް" ޖުމްލަ ފަސް ބަހަކުން ނެރޭނެ އެވެ. އެއީ ހިންދީ، ތެލުގޫ، ތަމިލް، ކަނަޑާ އަދި މަލަޔާލަމް އެވެ.