ވެރިކަމުން ފައިބައި ވަޑައިގަތުމަށް ފަހު، ހުސް ވަގުތުގައި ފޮޓޯ ނަގައި ކޮލަމް ލިޔުއްވަން ޝައުގުވެރިވެ ވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މި މަގާމުން ފައިބައިވަޑައިގަތުމަށް ފަހުގައި އެމަނިކުފާނު ވަރަށް ބޮޑަށް "ހުސްވާނެ" ކަމަށެވެ. އެހެންވެ، އެ ހުސްވަގުތުގައި ކުރައްވާނެ ކަމަކާ ދޭތެރޭގައި ގޮތްތަކެއް ރާއްވަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު އެކީގައި ރިޓަޔާކޮށްފައި ގޭގައި އިންނަ ހިސާބަކަށް ނުދޭ. ގައުމަށްޓަކައި ކޮށްދެވޭނެ ކިތަންމެ މަސައްކަތެއް އެބަހުރި. އަޅުގަނޑު އެކަން ކޮށް ދިނުމުގައި އިރާދަކުރެއްވިއްޔާ ދެމި ހުންނާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ހިދުމަތް ކުރައްވަން ޝައުގުވެރިވެވަޑައިގަންނަވަނީ ކޮން ދާއިރާއަކުންތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެމަނިކުފާނަށް "ކޮންޓްރިބިއުޓް" ކޮށްދެއްވޭނެ ވަރަށް ގިނަ ދާއިރާތައް އެބަހުރި ކަމަށެވެ.
އަދި ނޫހަކުން ކޮލަމެއް ލިޔުއްވުމުގެ ފުރުސަތު ލިބިވަޑައިގެންފި ނަމަ، ދޭތެރެއަކުން ލިޔުއްވާނެ ކަމަށް ވިދާޅުވި އެވެ. ކޮލަމް ލިޔުއްވުމުގެ އިތުރުން ފޮޓޯ ނެންގެވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެކަން ވެސް (ކޮލަމް ލިޔުއްވުން) ކުރެވޭނެ. އަޅުގަނޑަކީ ފޮޓޯ ވެސް ނަގާ މީހެއް. ކެމެރާ ހިފައިގެން މަގުމަތީގައި ވެސް އަޅުގަނޑަށް އުޅެލޭވެނެ. މިކަހަލަ ކިތަންމެ ކަމެއް. މާ ބުރަ މަސައްކަތެއް ނޫން ކުރަން ނިންމާފައި އޮތީކީ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ތަޖުރިބާގެ އާއި އެނގިވަޑައިގެން ހުންނެވި އެއްޗެއްގެ އަލީގައި ގައުމަށްޓަކައި ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.
އެހެންވީމަތާ ގައުމައް މިހެނމިވީ