ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ވ. އާރަށް ކުއްޔަށްދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި މަނީ ލޯންޑަރިންނާއި ރިޝްވަތު ހުށަހެޅުމުގެ ދައުވާ ސާބިތުވެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހަށް ތާވަލކޮށްފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ފަންސާސް ދެ މިލިއަށް ރުފިޔާގެ ޖޫރިމަނާ އެއްކޮށް ހުކުމް އިއްވާފައި ވަނީ މިދިޔަ އަހަރުގެ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި އެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވާފައި ވަނީ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން މި އަހަރުގެ ފެބްރުއަރީ މަހުގައި އިސްތިއުނާފުކުރެއްވި ނަމަވެސް އެ މައްސަލައިގެ އަޑުއެހުންތައް ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވެ އެވެ. މިކަމާއި ގުޅިގެން ރައީސް ޔަމީނާއި ޕީޕީއެމް ކޯލިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރައީސް ޔާމިންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒް ވިދާޅުވީ އެމައްސަލައިގެ އިސްތިއުނާފް އަޑުއެހުމެއް އަންނަ އާދީއްތަ ދުވަހު ބާއްވަން ހައިކޯޓުގައި މިހާރު ތާވަލްކޮށްފައިވާ ކަމަށެވެ.

އަދި އެ އަޑުއެހުން ބޭއްވުމަށް ތާވަލްކޮށްފައިވަނީ އަންނަ އާދިއްތަ ދުވަހު މެންދުރު ފަހު 1:45 އަކަށް ކަމަށް ޝިޔާޒް ވިދާޅުވި އެވެ.

މި މައްސަލާގައި މިހާރު ކުރިއަށްދަނީ އެ މައްސަލާގައި ހިމެނޭ ދެ ޤަޟިއްޔާގެ ތެރެއިން މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅި މައްސަލާގައި ދެ ފަރާތުން ހުށަހެޅި ނުކުތާތަކާމެދު ބަހުސްކުރުމުގެ މަރުހަލާ އެވެ.

މިހާތަނަށް މި ޤަޟިއްޔާގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން ފާހަގަކުރައްވާފައިވަނީ އެމަނިކުފާނުގެ ނަމުގައި އެކައުންޓެއް ހުޅުއްވާފައި ހުރި ބޭންކުގެ ގޮފި ބަންދުކުރަން ނިންމުމުން އެހެން ބޭންކަކަށް އެ ފައިސާ ބަދަލުކުރުމަކީ ފައިސާގެ އަސްލު އޮޅުވައިލުމުގެ އަމަލެއް ނޫން ކަމަށެވެ.

ނަމަވެސް ދައުލަތުން ތަކުރާރުކޮށް ވަކާލާތުކުރަނީ އެމަނިކުފާނުގެ އަމިއްލަފުޅު ދެ އެކައުންޓެއްގެ މެދުގައި ފައިސާ ބަދަލުކުރެއްވުމުގެ މުއާމަލާތަކީ އެ ފައިސާގެ އަސްލު އޮޅުވައިލެއްވުމަށް ހިންގެވި މުއާމަލާތެއް ކަމަށެވެ.

ރިޔާސީ އިންތިހާބު އިދިކޮޅުގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމާއެކު ރައީސް ޔާމީން މިހާރު ވަނީ ވަގުތީ ގޮތުން ގެއަށް ބަދަލުކޮށްފަ އެވެ.