އިންތިގާލީ މަރުހަލާގައި ދައުލަތުގެ އެކި މިނިސްޓްރީތަކާއި ކުންފުނިތަކުން މައުލޫމާތު އެއްކުރުމަށް 15 ޓްރާންސިޝަނަލް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވެއްޖެ އެވެ.
އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ ހަތް ކޮމިޓީއަކުން ސަރުކާރު ކުންފުނިތަކުން މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރުމަށް ހާއްސަކޮށްފައިވާ އިރު، އަށް ކޮމިޓީއަކުން ސަރުކާރުގެ މިނިސްޓްރީތަކުން މައުލޫމާތު އެއް ކުރާނެ ކަމަށެވެ.
ކޮންމެ ކޮމިޓީއެއްގައި އިދާރީ މަސައްކަތް ކުރައްވާ ފަރާތްތަކާއި މާލީ ކަންކަމަށް ހާއްސަ ބޭފުޅުންނާއި ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު އެއްކުރުމުގައި މަސައްކަތް ކުރައްވާ އެންމެން ހިމެނޭހެން 25 އާއި 30 އާ ދެމެދުގެ އަދަދަކަށް މެމްބަރުން ތިބޭނެ ކަމަށް ފިރްޒުލް ވިދާޅުވި އެވެ.
ކޮމިޓީތަކުގައި ތިބޭ މެންބަރުން ތަމްރީން ކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ފިރުޒުލް ވިދާޅުވީ ކޮމިޓީތަކުން އެއްކުރާނީ ކޮން މައުލޫމާތުތަކެއް ކަމާއި އެ މައުލޫމާތު ހުންނާނެ ފޯމެޓާއި މައުލޫމާތު ވިލަރެސްކޮށް އެކުލަވާލާނެ ގޮތް އެ ދާއިރާގެ ފަންނީ ބޭފުޅުންނާ ގުޅިގެން ކޮށްފައިވާ ކަމަށެވެ.
ފިރުޒުލް ވަނީ އިންތިގާލީ އޮފީހަށް ބޭނުންވާ އެއްބާރުލުން ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން ސަރުކާރުގެ އިދާރާތަކުން ލިބެމުންދާކަން ފާހަގަކޮށް ޝުކުރު އަދާކުރައްވައިފަ އެވެ.