މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ އީރާސް ޓުއާ ކޮންސެޓް ފިލްމު ރިލީޒް ކުރުމުގެ ކުރިންވެސް އެ ފިލްމަށް ބޮޒޑު ކާމިޔާބީއެއް ލިބިއްޖެ އެވެ.

އެގޮތުން އެ ފިލްމުން ވަނީ ތާރީހުގައިވެސް ރިލީޒް ކުރުމުގެ ކުރިން އެންމެ ބޮޑު ފައިދާއެއް ހޯދި ކޮންސެޓް ފިލްމުގެ ރެކޯޑު މުގުރާލާފަ އެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ 2011 ވަނަ އަހަރު ނުކުތް ޖަސްޓިން ބީބާގެ "ނެވާ ސޭ ނެވާ" އަށެވެ.

އެ ފިލްމުގެ ޑިސްޓްރިބިއުޓަރު ކަމަށްވާ އޭއެމްސީއިން ބުނީ ފިލްމުގެ އެޑްވާންސް ޓިކެޓު ބުކިންގެ އަގު 100 މިލިއަން ޑޮލަރުން މައްޗަށް އަރާފައިވާ ކަމަށެވެ.

ހަމައެއާއެކު އެ ފިލްމުން ވަނީ އިނގިރޭސި ވިލާތުގައި ރިލީޒް ކުރުމުގެ ކުރިން އެންމރ ގިނަ ޓިކެޓު ވިކުނު ފިލްމުގެ ލަގަބުވެސް ހޯދާފަ އެވެ. މީގެ ކުރިން އެ ލަގަބު އޮތީ ބީޓީއެސްގެ "ޕާމިޝަން ޓު ޑާންސް" އަށެވެ.

ޓޭލާ ސްވިފްޓްގެ އީރާސް ޓުއާ ކޮންސެޓް ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ އޮކްޓޯބަރު 13 ވާ ހުކުރު ދުވަހު އެވެ. ދުނިޔޭގެ ގިނަ ގައުމުތަކެއްގައި އެ ފިލްމު ރިލީޒް ކުރާނެ އެވެ.

މިދިޔަ މާޗް މަހު ފެށިގެން އަންނަ އަހަރުގެ ނޮވެމްބަރާ ހަމައަށް ކުރިއަށްދާ ޓޭލާގެ އީރާސް ޓުއާ ވެސް ވެފައިވަނީ ވަރަށް ކާމިޔާބު ޓުއާ އަކަށެވެ.