ހިނގާބިނގާވެ އުޅޭއިރު ނުވަތަ ކުދިކުދި މަސައްކަތްތައް ކުރާއިރު އަވަސް އަވަހަށް ނޭވާ ކުރުވުމާއި، ވަރުބަލިވުމަކީ އުމުރުން ދުވަސް ވުމުން އާންމުކޮށް ދިމާވާ ކަމެއް ކަމަށް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ގަބޫލުކުރެ އެވެ.
ނަމަވެސް، މިއީ ހަމައެކަނި އުމުރުގެ ސަބަބުން ވާކަމެއް ނޫން ކަމަށާއި، ހިތުގެ ސީރިއަސް މައްސަލައެއްގެ ފުރަތަމަ އިޝާރާތަށް ވެސް ވެދާނެ ކަމަށް މާހިރުން އިންޒާރު ދެއްވަ އެވެ.
އިންޑިއާގެ ނިއު ދިއްލީގެ މެކްސް ސުޕަ ސްޕެޝަލިޓީ ހޮސްޕިޓަލުގެ ކާޑިއޮލޮޖީ ޗެއާމަން ޑޮކްޓަރު ވިވެކާ ކުމާރު ހާމަ ކުރެއްވި ގޮތުގައި، ހިނގާއިރު ނޭވާ ކުރުވުމަކީ ހިތުގެ ނާރު ހަނިވުމުގެ ނިޝާނަކަށް ވެދާނެ އެވެ. ހާއްސަކޮށް މިއީ އޯޓިކް ވޭލްވް ސްޓެނޯސިސް ކިޔާ ނުރައްކާތެރި ހާލަތެއްގެ ނިޝާނަކަށް ވުން ކައިރި އެވެ.
އޯޓިކް ވޭލްވް ސްޓެނޯސިސް އަކީ ކޮބާ؟
އޯޓިކް ވޭލްވް އަކީ ހިތުން މުޅި ހަށިގަނޑަށް ސާފު ލޭ ފޮނުވައިދޭ މައި މަގެއްގައި އިންނަ ދޮރާއްޓެކެވެ. މި ވޭލްވް ހަނިވުމުން، ހަށިގަނޑުގެ އެކި ބައިތަކަށް ބޭނުންވާ ވަރަށް ލޭ ފޮނުވައިދިނުމަށްޓަކައި ހިތަށް އިތުރު މަސައްކަތް ކުރަން ޖެހެ އެވެ.
މިގޮތަށް ހިތުން އިތުރަށް މަސައްކަތް ކުރަން ޖެހުމުން، ކުޑަކޮށް ހިނގާލުމުންވެސް ނޭވާ ކުރުވުމާއި، އާދަޔާހިލާފަށް ވަރުބަލިވުން ފަދަ އަލާމާތްތައް ފެންނަން ދިމާވެ އެވެ.
ސަމާލުވާންޖެހޭ އަލާމާތްތައް!
ޑޮކްޓަރު ވިވެކާ ކުމާރު ފާހަގަކުރެއްވި ގޮތުގައި ތިރީގައިވާ އަލާމާތްތައް ތަކުރާރުކޮށް ފެންނަނަމަ އެއީ އަޅާނުލައި ދޫ ކޮށްލައިގެންވާނެ ކަންކަމެއް ނޫނެވެ
- ހިނގާއިރު ނުވަތަ އާދައިގެ މަސައްކަތެއް ކުރާއިރު ނޭވާ ކުރުވުން
- އާދަޔާހިލާފަށް އަވަހަށް ވަރުބަލިވުން
- މޭގައި ރިއްސުން ނުވަތަ މޭގައި ބަރުކަމެއް އިހްސާސްވުން
- ބޯއެނބުރުން ނުވަތަ ހޭނެތޭގޮތްވުން
ފަރުވާ އަދި ހައްލު
މިފަދަ އަލާމާތްތައް ފެންނަނަމަ، ލަސްނުކޮށް ހިތުގެ ޑޮކްޓަރަކަށް ދައްކައިގެން ހިތުގެ ތަފްސީލީ ޓެސްޓުތަކެއް ހެދުން މުހިންމެވެ. ޑޮކްޓަރު ވިވެކާ ވިދާޅުވި ގޮތުގައި، އޯޓިކް ވޭލްވްގެ މައްސަލަތަކަށް މިހާރު ޒަމާނީ، ކުދި އޮޕަރޭޝަންތަކުން ފަރުވާ ހޯދެ އެވެ.
އެހެންކަމުން، ހިނގާއިރު ނޭވާ ކުރުވުމަކީ ހަމައެކަނި ނިކަމެތި ވަމުންދާ އުމުރުގެ ބަހަނާއަކަށް ހަދައި އަޅާނުލައި ނުހުންނާށެވެ. ކުރީ ބައިގައި ބަލި ދެނެގަނެވިއްޖެނަމަ، ހިތުގެ ދުޅަހެޔޮކަން ރައްކާތެރިކޮށް، ސީރިއަސް ނުރައްކަލަކުން ސަލާމަތްވެވިދާނެ އެވެ.