ފަލަސްތީނާއި އިސްރާއީލްގެ މައްސަލަ އަށް ހައްލެއް ގެނައުމަށް ދެ ދައުލަތެއް އުފެއްދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގޮވާލައްވައިފި އެވެ.
ރައީސް ސޯލިހު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ ދެމިއޮތީ ފަލަސްތީނުގެ ރައްޔިތުންނާއި އެމީހުންގެ ކަރާމާތާއި އަމިއްލަ ނިންމުމެއް ނިންމުމުގެ ހައްގާއި އެއްބައިވަންތަކަން ކަމާ އެކުގައި ކަމަށެވެ.
ދިފާއު ވެވޭނެ ގޮތެއް ނެތް ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ނުބައްދަލު ބާރުގެ ބޭނުން ކުރުން ރައީސް ސޯލިހު ވަނީ ކުށްވެރި ކުރައްވައިފަ އެވެ. އަދި ސުލްހަ ޔަގީން ކުރެވޭނެ ހަމައެކަނި ގޮތަކީ ފަލަސްތީނާއި އިޒްރޭލަކީ ދެ ދައުލަތުގެ ގޮތުގައި ބަލައިގަތުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ހަމާސް ޖަމާއަތުން އިސްރާއީލާ ދެކޮޅަށް ކުއްލިއަކަށް ވަނީ ވަރުގަދަ ހަމަލާތަކެއްދީ އިސްރާއީލްގެ ސިފައިންނާއި ރައްޔިތުންގެ ތެރެއިން ބަޔަކު މަރާލައި އިތުރު ބަޔަކު ރަހީންކޮށްފަ އެވެ. ފަލަސްތީނުން މިހާތަނަށް އައިއިރު، އެތައް ހާސް ރޮކެޓް ހަމަލާއެއް ޣައްޒާއެއް ވަނީ ފޮނުވާލައިފަ އެވެ. އޭގެ ބަދަލުގައި އިސްރާއީލުން ވެސް ދަނީ ވައިގެ މަގުން ޣައްޒާ އަށް ބޮން އަޅަމުންނެވެ.
ހަމާސް އިން ބުނާ ގޮތުގައި އިސްރާއީލަށް އަމާޒުކޮށް މި ހަމަލާތައް ދޭން ފެށީ މުސްލިމުންގެ މުގައްދަސް ބިން ކަމުގައިވާ އަލް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލުމާއި އެ ތަނަށްދާ މުސްލިމުންނަށް އަނިޔާކޮށް، ހައްޔަރުކުރަމުންދާތީ އެވެ. އަދި މި ހަމަލާތަކަކީ އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި އެހެން ތަންތަނުގައި ފަލަސްތީން ރައްޔިތުންނަށް އަމާޒުކޮށް ދޭ އަނިޔާވެރި ހަމަލާތަކަށް ދޭ ރައްދެއް ކަމަށް ވެސް ހަމާސް އިން ބުނެ އެވެ.