ފޭސްބުކް އެކައުންޓްތައް ހެކް ކޮށްގެން އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުން އަންނާތީ މިކަމަށް ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސްކޮށްފި އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ގޮތުން ހެކް ކޮށްފައިވާ ފޭސްބުކް އެކައުންޓް މެދުވެރިކޮށް "ފްރެންޑްސް ލިސްޓް"ގައި ހުންނަ އެކި ފަރާތްތަކުން ފައިސާ ހޯދުމަށް ފޭސްބުކް މެދުވެރިކޮށް މެސެޖްކޮށް، ފައިސާ ހޯދަ އެވެ.

"އަޅުގަނޑުމެން އެދެނީ މި ގޮތަށް ފޭސްބުކް މެދުވެރިކޮށް ރައްޓެއްސެއް ނުވަތަ އާއިލާ މެންބަރެއްގެ ނަމުގައި ފައިސާ ފޮނުވުމަށް މެސެޖްކޮށްފިނަމަ، ފައިސާގެ މުއާމަލާތެއްކުރުމުގެ ކުރިން އެހެން ވަސީލަތެއް މެދުވެރިކޮށް އެމީހަކަށް ގުޅާ އެކަން ޔަގީންކުރުން،" ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވި އެވެ.

އެ ބޭންކުން ބުނިގޮތުގައި މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު އެއްކަމަކީ ފައިސާ ފޮނުވުމުގެ ކުރިން ފައިސާ ފޮނުވެނީ ކޮން ފަރާތަކަށް ޔަގީން ކުރުމެވެ. އަދި ފައިސާ ފޮނުވިއްޖެ ނަމަ ވީހާވެސް އަވަހަކަށް ބޭންކަށް އަންގައި، ފުލުހަށް މައްސަލަ ހުށަހެޅުމަށް ވެސް ބީއެމްއެލް އިން އިލްތިމާސްކުރެ އެވެ.

މީގެ އިތުރުން ބީއެމްއެލްގެ ނަމުގައި އެކައުންޓް އެކްޓިވޭޓްކުރުމަށް އެދި ފޭކް ލިންކެއް ހިމަނައިގެން އެސްއެމްއެސް ފޮނުވައިގެން ކަސްޓަމަރުންނަށް އޮޅުވާލައިގެން އިންޓަރނެޓް ބޭންކިންގ ޔޫޒާނޭމާއި ފާސްވޯޑްގެ އިތުރުން އޯޓީޕީ ހޯދައިގެން ފައިސާ ހޯދުމުގެ މައްސަލަތަކެއް ވެސް ހުށަހަޅާފައިވާ ކަމަށް އެ ބޭންކުން ބުނެ އެވެ.

"ބީއެމްއެލް އިން ފޮނުވާ އެސްއެމްއެސްގައި އެއްވެސް ލިންކެއް ނުހިމެނޭނެ. މި ގޮތަށް ލިބޭ އެސްއެމްއެސްގައި ހިމެނޭ ލިންކްތަކަށް ނުފިތުމަށް އިލްތިމާސްކުރަން. އަދި އެއްވެސް ފަރާތަކާ އޯޓީޕީ ހިއްސާނުކުރުމަށް ތަކުރާރުކޮށް ދަންނަވަން،" ސައީދު ވިދާޅުވި އެވެ.

މީގެ އިތުރުން އޮންލައިން ޕޭޖްތަކުން ވިޔަފާރިކޮށްގެން ފައިސާ ދެއްކުމަށް ފަހު މުދާ އަދި ފައިސާ ވެސް އަނބުރާ ނުލިބޭ ކަމުގެ ޝަކުވާ އާއި ކާކުކަން ނޭނގޭ ފަރާތްތަކާ އެކު ޑޮލަރުގެ މުއާމަލާތް ކޮށްގެން ފައިސާ ނުލިބިގެން އެ ކަމުގެ ޝަކުވާ ވެސް ބޭންކަށް ހުށަހަޅާ ކަމަށް އެ ބޭންކުން ބުނެ އެވެ.