ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިޔާސީ މަގާމުތަކަށް އައްޔަން ކޮށްފައި ތިބި ބައެއް މީހުން ސިވިލް ސާވިސްގެ ވަޒީފާތަކަށް ބަދަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ބައެއް މަގާމުތަކުގައި ތިއްބެވި ފަރާތްތައް ސިވިލް ސާވިސްގެ ދަށުން އެކިއެކި ވަޒީފާތަކަށް ބަދަލުކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެގޮތުން އެ ފަރާތްތަކަށް މިހާރު ލިބޭ މުސާރައާ އެއްވަރުގެ މުސާރަ ލިބޭ މަގާމުތަކެއް އުފެއްދުމަށްފަހު ވަޒީފާ ބަދަލުކުރުމުގެ ވިސްނުންތަކެއް ގެންގުޅޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއަށް އެއްގޮތަކަށް ވެސް މިކަން ނުކުރައްވާށޭ. މިއީ ކޮށްގެންވާނެ ކަމެއް ނޫނޭ. އެއީ ސިޔާސީ މަގާމުތަކުގައި މިއަދު ތިއްބަވާނީ މިއަދު މި އޮތް ސަރުކާރުގެ ސިޔާސީ ވިސްނުމަށް ތާއީދުކުރައްވާ ބޭފުޅުން. އެއާ ތަފާތު ވިސްނުމެއްގެ ބޭފުޅުން ސަރުކާރަށް ވަޑައިގަންނަވަނީ." އަބްދުއްރަހީމް ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އަބްދުއްރަހީމް ވަނީ އެކި ގައުމުތަކަށް އާ ސަފީރުން އައްޔަން ކުރެއްވުމުގެ މަސައްކަތް ރައީސް ސޯލިހުގެ ސަރުކާރުން ކުރައްވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ މި ދަނޑިވަޅުގައި އާ ސަފީރުން ހަމަޖެއްސުމަކީ އެކަމުގެ ސަބަބުން ސަރުކާރަށާއި އެ ކަނޑައަޅާ ސަފީރަކަށް ވެސް ގެއްލުން ބޮޑު ކަމެއް ކަމަށެވެ.

ވެރިކަން ބަދަލުވުމަށް މަހެއްހާ ދުވަހަށްވެފައި ވަނިކޮށް ގައުމުތަކަށް ސަފީރުން އައްޔަންކޮށްފައި ވަނިކޮށް ދެން އަންނަ ސަރުކާރަކުން ސަފީރުން ބަދަލުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، ހަމަ ބުއްދިން ވިސްނާއިރު މި ދަނޑިވަޅުގައި އެކަން ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"މި ސަރުކާރުން އދ. އަށް ފޮނުވާ ސަފީރު ނުވެދާނެ އަންނަ ސަރުކާރުން އެތަނުގައި ބަހައްޓަން ބޭނުންވާ ބޭފުޅާއަށް. އެއީ ތަފާތު ސިޔާސަތުތަކެއް މި ގެންގުޅެނީ. ދެން އަނެއްކާ އޭނަ ބަދަލުކުރަންވީމަ ދައުލަތަށް ވެސް ވަރަށް ބުރަ ބޮޑުވޭ އެބަ. ހަރަދުތައް ވެސް އިތުރަށް އެބަ ހިނގާ" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ މި ފަސް އަހަރު ރައްޔިތުން ޒިންމާ ހަވާލުކުރި ފަރާތްތަކަށް އެކަން ނުވުމުން، ރައްޔިތުން އާ ބަޔަކަށް ޒިންމާތައް ހަވާލުކޮށްފައިވާ ކަމަށެވެ. އެކަން އޮގޮތަށް ރައްޔިތުން ނިންމާފައިވަނިކޮށް އާ ބަޔަކަށް ވަޒީފާގެ ކުރިއެރުންދީ، އާ މަޝްރޫއުތައް ފެށުން އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން އެދޭގޮތަށް ތަރައްގީ ގެނެސްދެއްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި ކަމަށާ އަދި އެކަން ރައްޔިތުންވަނީ ގަބޫލުކޮށްފައިވާ ކަމަށެވެ. އަދި ވެރިކަމަށް މި އަންނަނީ ބާރު ސްޕީޑުގައި ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދަން ކަމަށް ވިދާޅުވިއެވެ.