ދާއިމީކޮށް އިސްތަށިގަނޑު ފަން ކުރަން ސެލޫންތަކުގައި ބޭނުން ކުރެވޭ ކެމިކަލްތަކުގެ ސަބަބުން ސިއްހަތަށް ދިގު މުއްދަތުގެ ގެއްލުން ލިބޭ ކަމަށް ދިރާސާއަކުން ބުނެފި އެވެ.

އެމެރިކާގެ ޖާނަލް އޮފް ނެޝަނަލް ކެންސާ އިންސްޓިޓިއުޓްއިން ހެދި ދިރާސާއަކަށްފަހު ނެރުނު އެ ރިޕޯޓުގައި ބުނެފައިވަނީ އެފަދަ އުފެއްދުންތަކުގެ ސަބަބުން ހޯމޯނަލް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށެވެ. އޭގެ ތެރޭގައި އުރަމަތީގެ ކެންސަރު، އޯވޭރިއަން ކެންސަރު އަދި ޔުޓެރިން ކެންސަރު ހިމެނެ އެވެ.

އެގޮތުން އާއްމުކޮށް އިސްތަށިގަނޑު ފަންކުރަން ބޭނުންކުރެވޭ ކެމިކަލް ރިލޭކްސާތަކާއި ޕްރެސިން ޕްރޮޑަކްޓްތަކުގައި ކެންސަރަށް މަގުފަހިވާ މާއްދާތައް އެކުލެވޭ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.

އެ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ އެފަދަ މާއްދާތަކުން ލިބޭ ސިއްހީ ގެއްލުންތައް ކަޅު ނަސްލުގެ އަންހެނުންގެ މެދުގައި އިތުރުކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

2018 ވަނަ އަަހަރު މިސޫރީގެ އަންހެނަކު ވަނީ އޭނާއަށް ޔޫޓެރިން ކެންސަރު ޖެހިފައިވަނީ އޭނާ ބޭނުންކުރި ހެއާ ސްޓްރެއިޓްނިން ޕްރޮޑަކްޓްތަކުގައި ހިމެނޭ މާއްދާތަކެއްގެ ސަބަބުން ކަމަށް ބުނެ މަޝްހޫރު ކޮސްމެޓިކް ބްރޭންޑް ލޮރެއާލްއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށައަޅާފަ އެވެ.

އެ މައްސަލައަށް ރައްދު ދެމުން ލޮރެއަލްއިން ބުނީ ކަސްޓަމަރުންގެ ސިއްހަތާއި ރައްކާތެރިކަމަކީ އެކުންފުނިން އެންމެ އިސްކަމެއް ދޭ ކަންތައް ކަމަށާއި އެކުންފުނީގެ އުފެއްދުންތަކުގައި އެފަދަ މާއްދާތައް ނުހިމެނޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

މި ހުރިހާ ކަމަކަށް ބަލައި އެމަރިކާގެ ފުޑް އެންޑް ޑްރަގު އޮތޯރިޓީ "އެފްޑީއޭ" އިން ވަނީ އިސްތަށިގަނޑު ފަންކުރަން ބޭނުންކުރާ ބައެއް ކަހަލަ ކެމިކަލްތައް ބޭނުން ކުުން މަނާކުރަން ހުށައަޅާފަ އެވެ.