ގަވާއިދުން ކަސްރަތު ކުރެ އެވެ. ސިއްހަތަށް ފައިދާހުރި ކެއުންތައް ކައެވެ. އެހެނެއް ކަމަކު ހަށިގަނޑަކަށް މާބޮޑު ބަދަލެއް ނާދެ އެވެ. މިއީ އަހަރުމެންގެ ތެރެއިން ވެސް ގިނަ ބައެއްގެ ޝަކުވާ އެކެވެ. މިކަމުގެ ބައެއް ސަބަބުތަކަށް ބަލާލާނަމެވެ.

ގަޑިން ގަޑިއަށް ނުކެއުން

ކެއުމުގައި ސިއްހަތަށް ފައިދާހުރި ބާވަތްތައް ބޭނުންކުރި ނަމަވެސް ކާ ގަޑިތަކުގެ ސަަބަބުން ވެސް ބަރުދަން ލުއިވުމަށް އުނދަގޫވެ އެވެ. އެގޮތުން ކެއުންތައް ނުކައި ދޫކޮށްލާނަމަ ހަށިގަނޑުގެ ބަރުދަން ލުއިކުރާ ނިޒާމް "މެޓަބޮލިޒަމް" ލަސްވެ ބަރުދަން ލުއިކުރަން ހުރަސް އަޅަ އެވެ.

ގިނައިން އިށީނދެ އިނުން

ކަސްރަތު ކުރުމަށްފަހު ދުވަހުގެ ބާކީ ވަގުތުތަކުގައި މާބޮޑަށް ހަރަކާތްތެރިނުވެ މާ ގިނައިން އިށީނދެ ނުވަތަ އޮށޯވެގެން އޮންނަ ނަމަވެސް ހަށިގަނޑަށް ބަރުދަން ލުއިކުރަން އުނދަގޫވާނެ އެވެ. އޭގެ ބަދަލުގައި ދުވަސް ހަރަކާތްތެރި ކަމާއެކު ރާވާލަން މަސައްކަތް ކުރާށެވެ.

ހަމައަށް ނުނިދުން

ހަށިގަނޑަށް ބޭނުންވާ ވަރަށް ނިދި ނުލިބޭނަމަ، ބަނޑުހައި ހޫނުކަން އިތުރުކޮށްދޭ ހޯމޯންސް ހަށިގަނޑުގައި އުފެދުން ގިނަވެ އެވެ. ނަތީޖާ އަކަށް ވަނީ ނިދިން ހޭލެވޭ އިރު ބަނޑުހައިވެ، "ޖަންކް ފުޑް" އޭ ކިޔާ ކާނާގެ ބާވަތްތައް ކާހިތްވުމެވެ. އެހެން ކަމުން ކޮންމެ ދުވަހަކު ވެސް މަދުވެގެން އަށް ގަޑިއިރުގެ ނިދި ހަމަކުރަން ވާނެ އެވެ.