އަންހެނުންގެ މެދުގައި މިހާރު އާއްމުވަމުން އަންނަ އުރަމަތީގެ ކެންސަރަކީ އޭގެ ނުރައްކާ ދުވަހަކަށްވުރެ ދުވަހެއް ބޮޑުވަމުން އަންނަ ކަމެކެވެ. އެހެން ނަމަވެސް މި ނުރައްކާތެރި ބަލިން ރައްކާތެރި ވުމަށްޓަކައި އަހަރުމެންނަށް ކުރެވޭނެ ބައެއް ކަންކަން ވެސް ހުރެ އެވެ.

އެގޮތުން ކެއްކުމުގައި އާއްމުކޮށް ބޭނުންކުރާ ޒައިތޫނި ތެޔޮ ނުވަތަ "އޮލިވް އޮއިލް"އަކީ އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ އެއްޗެއް ކަމަށް ދިރާސާއަކުން ދައްކާފައިވެ އެވެ.

ޒައިތޫނި ތެލުގައި އެކުލެވިގެންވާ ހައިޑްރޮކްސީޓައިރަސޯވ އަކީ ކެންސަރުން ރައްކާތެރިވުމުގައި މުހިއްމު ދައުރެއް އަދާކޮށްދޭ މާއްދާއެއް ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.

1998 ވަނަ އަހަރުގެ އޮގަސްޓްމަހު އާކައިވްސް އޮފް އިންޓާނަލް މެޑިސިންގައި އާއްމުކޮށްފައިވާ އެ ދިރާސާއިން ދައްކާގޮތުގައި ދުވާލަކު އެއް މޭޒުމަތީ ސަމުސަލުގެ ޒައިތޫނި ތެޔޮ ބޭނުންކުރާ އަންހެނުންނަށް އުރަމަތީގެ ކެންސަރު ޖެހުން 45 ޕަސެންޓް ދަށްކޮށްދެ އެވެ.

މިދިރާސާ ކުރުމުގައި އުމުރުން 46 އަހަރާއި 70 އަހަރުގެ 60000 އަންހެނުން ބައިވެރި ކޮށްފައިވެ އެވެ. އަދި ތިން އަހަރުވަންދެން މިމީހުން ކެއުމުގައި ބޭނުންކުރި ތަކެތި ދިރާސާ ކުރުމުން އެނގިގެން ދިޔައީ އުރަމަތީގެ ކެންސަރު ޖެހިފައިނުވާ ގިނަ މީހުންނަކީ އެމީހުންގެ ކެއުމުގައި ގިނަ އަދަދަކަށް ޒައިތޫނި ތެޔޮ ބޭނުންކުރާ މީހުން ކަމެވެ.

މީގެ އިތުރުން ޒައިތޫނި ތެޔޮ ގިނައިން ބޭނުންކުރާ އަންހެނުންނަށް ރަހިމުގެ ކެންސަރު ޖެހުން 26 ޕަސެންޓް ކުޑަކޮށްދޭ ކަމަށް ވެސް އެ ދިރާސާގައި ބުނެފައިވެ އެވެ.

ކެންސަރުގެ އިތުރުން ޒައިތޫނި ތެލަކީ ހަންގަނޑާއި އިސްތަށިގަނޑުގެ ސިއްހަތަށް ވެސް ނުހަނު ފައިދާހުރި އާއްމުކޮށް އެކަންކަމަށް ބޭނުންކުރެވޭ ތެލުގެ ބާވަތެކެވެ.