އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމަށް ފަހު ރާއްޖެ އިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ސައުދީ އަށް ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުއިއްޒު ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު ސައޫދީ އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އެހެން ނަމަވެސް މިކަން ރަސްމީކޮށް އެއްވެސް ފަރާތްތަކުން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ. މުއިއްޒު އިންތިހާބުވެވަޑައިގަތުމާ ގުޅިގެން އެންމެ ފުރަތަމަ މަރުހަބާކީ ގައުމުތަކުގެ ތެރޭގައި ސައުދީ ހިމެނެ އެވެ. އަދި ރާއްޖޭގައި ހުންނަވާ ސައުދީ ސަފީރާއި މުއިއްޒު ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅުން ހަރުދަނާކޮށް، ބަދަހިކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ.

ސައުދީ އަކީ އަބަދުވެސް ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބާއްވާ ގައުމެކެވެ.

ދާދި ފަހުން ބައެއް މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި މަގާމުގެ ހުވާ ކުރެއްވުމަށް ފަހު، މުއިއްޒު އެންމެ ފުރަތަމަ ވަޑައިގަންނަވާ ގައުމަކަށް ވާނީ އަވައްޓެރި އިންޑިއާ އެވެ. އެކަމަކު އެކަމާ ބެހޭ ގޮތުން ވެސް މުއިއްޒު ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިކަމާ ގުޅޭ ގޮތުން ވިދާޅުވީ އިންތިގާލީ މި މަރުހަލާގައި އެކި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުމުންދާ ކަމަށާއި، އޭގެ ތެރޭގައި ދަތުރުތަކާ ގުޅޭ ގޮތުން ވެސް އަންނަނީ މަޝްވަރާ ކުރެވުމުން ކަމަށެވެ.

އޭނާ ވިދާޅުވީ މީޑިއާއަށް ހާމަކުރެވޭ ވަރަށް، އިންތިހާބީ ރައީސްގެ ފުރަތަމަ ދަތުރާ ގުޅޭ ގޮތުން ކަންކަން އަދި ފައިނަލެއް ނުވާ ކަމަށެވެ.

މުއިއްޒު ރައީސްކަމުގެ ހުވާކުރައްވާނީ އަންނަ މަހުގެ 17 ގަ އެވެ.