ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އދ.ގެ 76 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ނިއު ޔޯކަށް ވަޑައިގެންނެވި ދަތުރުފުޅުގެ ތަފްސީލު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި މައްސަލަ ބަލަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލީހުގައި ތަގުރީރުކުރެއްވުމަށް 2021 ވަނަ އަހަރު ރައީސް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ރަސީދާއި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ އަދަދު ހޯދަން ވަނީ ހުށަހަޅައިފަ އެވެ.

އެ ދަތުރުފުޅުގައި ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވި އެވެ. އަދި ސަރުކާރުގެ މަގާމުތަކުގައި ހިމެނިވަޑައިނުގަންނަވާ ބަޔަކު ވެސް ބައިވެރިވެފައިވެ އެވެ.

އެ ޚަރަދުތައް ހޯދަން އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅުމުން ދައުލަތުން ވަނީ އެ ހަރަދުތަކުގެ ތަފްސީލް ނުދީ ސިއްރު ކޮށްފަ އެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ވެސް ދައުލަތުން ވަނީ އެ ތަފްސީލުތައް ހާމަނުކޮށް ހިފެހެއްޓުމަށް އެދިފަ އެވެ. އެހެން ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރު ވަނީ އެއީ ހިފެހެއްޓޭނެ މައުލޫމާތުތަކެއް ނޫން ކަމަށް ކަނޑައަޅައިފަ އެވެ.

އެހެންވެ ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓަށް ވެސް ހުށަހަޅައިފަ އެވެ. ހައި ކޯޓުން ވެސް ނިންމީ އިންފޮމޭޝަން ކޮމިޝަނާ އެއްކޮޅަށެވެ. އެހެންވެ ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުަގައި އިސްތިއުނާފު ކުރީ ޖުލައި މަހުގެ 2 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން އޭރު ވަނީ ނިންމައިފަ އެވެ. ފަހުން ދައުލަތުން ވަނީ ފަނޑިޔާރުންގެ ބެންޗުގައި އިސްތިއުނާފް ކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިދިޔަ ހަފުތާގައި ނިންމާފައި ވަނީ އެ މައްސަލަ ހުށަހަޅާފައި ވަނީ ގާނޫނީ ގޮތުން ބަހުސް ކުރެވޭ ނުކުތާތަކެއްގެ މައްޗަށް ކަމަށް ވާތީ އެ މައްސަލަ ބަލައިގަތުމަށެވެ.