ދުންފަތުގެ އިސްތިއުމާލު ކުރުމުން ކެންސަރާއި ހިތުގެ ބަލިތަކަށް މަގުފަހިވާކަން އެންމެންނަށް ވެސް އެނގެ އެވެ. ނަމަވެސް، ގިނަ މީހުންނަށް ނޭނގޭ ކަމަކީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ޖީންސްއަށް ބަދަލު އަންނަ ކަމެވެ. އޭގެ ސަބަބުން ޑީއެންއޭއަށް ދާއިމީ ގެއްލުން ލިބޭ ކަމެއް ކަމެވެ.

އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެންވާރަމެންޓަލް ހެލްތުގެ ދިރާސާވެރިން ވަނީ 16 ދިރާސާއެއްގައި 16،000 މީހުންގެ ޓެސްޓް ނަތީޖާތައް ބަލާފަ އެވެ.

އެމެރިކަން ލަންގް އެސޯސިއޭޝަންގެ ސީނިއާ ސައިންޓިފިކް އެޑްވައިޒާ ވިދާޅުވި ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުން މީހާގެ ޖީންސްތަކަށް ވަރަށް ބޮޑަށް އަސަރު ކުރާނެ އެވެ.

"ގިނަ ބަދަލުތައް ރަނގަޅު ކުރެވުނު ކަމުގައިވިޔަސް، ބައެއް ކަންތައްތައް ރަނގަޅު ނުކުރެވޭނެ. އެހެންކަމުން ދުންފަތުގެ އިސްތިއުމާލު ކުރާނަމަ، ވިރާސީ (ޖެނެޓިކް) މޭކަޕް މުޅިން އެއްކޮށް ރަނގަޅު ނުވާނެގޮތަކަށް ބަދަލުވާނެ"، އޭނާ ވިދާޅުވިއެވެ.

ބައެއް ކޭސްތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާތާ ފަސް އަހަރު ފަހުންވެސް ޖީންސްތައް މުޅިން ރަނގަޅު ނުވެ އެބަހުއްޓެވެ.

މިކަމުގައި އޮތް އުފާވެރި ޚަބަރަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލައިފިނަމަ، ޑީއެންއޭ މީތައިލޭޝަންގެ ގިނަ ސިގްނަލްތައް ފަސް އަހަރަށްފަހު ދުވަހަކުވެސް ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހެއްގައި ހުންނަ ލެވެލްއަށް އެނބުރި ދާނެ ކަމެވެ.

"އޭގެ މާނައަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ލިބޭ ގެއްލުންތަކުން ހަށިގަނޑު އަމިއްލައަށް ރަނގަޅުވާން އުޅޭކަން"، ހިބްރޫ ސީނިއާލައިފް އަދި ހަވާޑް މެޑިކަލް ސްކޫލްގެ ރޮބީ ޖޯހޭންސް ބުންޏެވެ.