އިޒުރޭލުން ހިސާރުކޮށްފައިވާ ގާޒާއިން އެއްކޮށް ކަރަންޓާއި މުއާސަލާތީ ޚިދުމަތް ކަނޑައިލުމަށް ފަހު މެދުކެނޑުމެއް ނެތި ބޮން އަޅަމުން އެބަ ގެންދެ އެވެ.
ކަރަނަޓާއި އިންޓަނެޓާއި ފޯނުގެ ޚިދުމަތް ލިބެން ނެތުމުގެ ސަބަބުން ގާޒާ މި ވަގުތު ވަނީ ދުނިޔެއާ އެއްކޮށް ގުޅުން ކެނޑިފަ އެވެ.
އިޒްރޭލުގެ ދިފާއީ ވުޒާރާއާ ހަވާލާދީ ހުޅަނގުގެ ބައެއް މީޑިއާތަކުން ޚަބަރުދޭ ގޮތުގައި މުޅި ގާޒާ އަނދިރީގައި ބޭއްވުމަށް ފަހު އިޒުރޭލުން ގެންދަނީ ބިންމަތީގެ ހަނގުރާމަ ފުޅާކުރަމުންނެވެ. ގާޒާ ހިފުމުގެ މަސައްކަތުގައި އިޒުރޭލުގެ ސިފައިން ދެ ދިމާއަކުން ކުރި އަރަމުން އަންނަ ކަމުގައި އިޒުރޭލުގެ މިލިޓަރީން ޚަބަރުދެ އެވެ.
ހަމާސްގެ ބައެއް ފަރާތްތަކާ ހަވާލާދީ އަލްޖަޒީރާ އިން ޚަބަރުދޭ ގޮތުގައި ގާޒާ އަށް ވަންނަން މަސައްކަތް ކުރަމުން އަންނަ އިޒުރޭލުގެ ސިފައިންނާ ހަމާސްގެ ހަނގުރާމަވެރިން އަންނަނީ ކުރިމަތިލަމުންނެވެ. އެ ކުރިމަތިލުމުގައި ގާޒާގެ އެތެރޭގައި ވަރުގަދަ ހަމަލާތައް ބަދަލުވަމުންދާ ކަމުގައި ވެސް އަލް ޖަޒީރާ އިން ޚަބަރުދެ އެވެ.
އިޒުރޭލުން ގާޒާއަށް ބޮން އަޅަން ފެށި ފަހުން ގާޒާގެ އެތެރޭގައި ކަންހިނގަމުންދާ ގޮތް ނޫސްތަކަށާއި ސޯޝަލް މީޑިއާ އިން އައީ ވަރަށް ރަނގަޅަށް ހާމަވަމުންނެވެ. ދުނިޔޭގެ ނޫސް އެޖެންސީތަކުގެ ތެރެއިން އެންމެ މައިގަނޑު ނޫހަކަށް ގާޒާގައި ހަރަކާތްތެރިވަމުން ގެންދިޔައީ އަލް ޖަޒީރާ އެވެ. އެންމެ ގަދަޔަށް ބޮން އަޅަމުން ގެންދިޔަ އިރުވެސް އަލް ޖަޒީރާގެ ބިއުރޯ ގާޒާގައި ހަރަކާތްތެރިވަމުން ގެންދިޔަ އެވެ. އިންޓަނެޓާއި ކަރަންޓު އެއްކޮށް ގާޒާ އިން ކަނޑައިލުމުގެ ސަބަބުން މިހާރު އެއްގޮތަކަށް ވެސް ގާޒާގެ އެތެރޭގައި ކަންތައް ހިނގަމުން ދާ ގޮތެއް ނޭނގެ އެވެ.
އިޒުރޭލުގެ އުދުވާނާ ދެކޮޅަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި މިހާރު އަންނަނީ މުޒާހަރާތައް ކުރަމުންނެވެ. ނިއު ޔޯކުގެ މަގުތަކަށް ޖަމާވި މީހުން ވަނީ އެ ސިޓީގެ މައިގަނޑު ރެއިލް ސްޓޭޝަން ބަންދު ކޮށްފަ އެވެ. ނިއު ޔޯކުގެ މުޒާހަރާ އިންތިޒާމު ކުރީ އެ ސިޓީގެ ޖޫވިޝް ކޮމިއުނިޓީންނެވެ.