އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ހޮވިގެން ދިއުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށާ އަދި އަންހެން ބޭފުޅުން މަޖިލީހަށް ކުރިމަތިލުމަށް ހިތްވަރު ދިނުމުގެ ގޮތުން ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ހޮވޭ އަންހެން މެންބަރުންނަށް ހާއްސަ އެލަވެންސެއް ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ރައީސް އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވެ ހޮވިގެން ދިޔުމަކީ އެމަނިކުފާނުގެ އެދިވަޑައިގަތުމެއް ކަމަށެވެ. މިގޮތުން، ޕީޕީއެމް/ޕީއެންސީން މަޖިލީހުގެ މަދުވެގެން %20 ގޮނޑިއަށް އަންހެން ބޭފުޅުން ކުރިމަތިލާ، ހޮވުމަށް މަސައްކަތްކުރުމަށް އެމަނިކުފާނު ވަނީ ގޮވާލައްވައިފަ އެވެ. އަދި އެކަމަށް ހިތްވަރު ދެއްވުމުގެ ގޮތުން ޕީޕީއެމް/ޕީއެންސީން މަޖިލީހަށް ހޮވޭ ކޮންމެ އަންހެން މެންބަރަކަށް މަޖިލީހުން ލިބޭ މުސާރަޔާއި އެލަވަންސްގެ އިތުރުން ޕާޓީން ހާއްސަ އެލަވަންސެއް ދޭގޮތަށް ހަމަޖައްސަން މަސައްކަތް ކުރައްވާނެކަމަށް އިންތިހާބީ ރައީސް ވިދާޅުވި އެވެ.

އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ، އަންނަ އަހަރު އޮންނަ މަޖިލިސް އިންތިހާބަށް އަންހެން ބޭފުޅުން ނެރުމަށް ހިތްވަރު ދޭންޖެހޭ ކަމަށާއި، އެ ކޯލިޝަންގެ ޕްރައިމަރީގައި ވީހާވެސް ގިނައިން އަންހެނުން ބައިވެރިކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މަސައްކަތްކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯއްދެވުމަށް ކަމަށް ވެސް އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ ޕީއެންސީން ވަނީ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރާނެ ކަމަށް އިއުލާންކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ލަފާކުރަނީ އަންނަ އަހަރުގެ މާޗް ނުވަތަ އޭޕްރީލް މަހުގެ ތެރޭގަ އެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާ އަކަށް މެންބަރުން ހޮވާނެ އެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 87 މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ހަތަރު އަންހެން މެންބަރުންނެވެ.