ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ޕީއެންސީ އަށް މިއަދު ސޮއިކުރައްވައިފި އެވެ.

މަޖިލިހުގެ 19 ވަނަ މަޖިލިހަށް ނަސީމް އިންތިހާބުވެވަޑައިގަތީ އަމިއްލަ މެމްބަރެއްގެ ގޮތުގަ އެވެ. ނަސީމް ޕީއެންސީ އަށް ސޮއިކުރެއްވި ފޯމް ހަވާލު ކުރައްވާފައި ވަނީ އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އަށެވެ.

ނަސީމް "ހުރިހާ" އަށް ވިދާޅުވީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުނީ ޕީޕީއެމް/ޕީއެންސީގެ ގިނަ މެމްބަރުންގެ ތާއީދާ އެކުގައި ކަމަށެވެ. އެހެންވެ، ޕީއެންސީ އަށް ސޮއިކުރެއްވީ އެ މެމްބަރުންގެ އެދުމުގެ މަތިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަސީމް ޕީއެންސީއާ ގުޅިވަޑައިގެންފައިވާ އިރު، މަޖިލީހުގެ މެމްބަަރުންތަކެއް އެ ޕާޓީއާ ގުޅެން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އިންތިހާބީ ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ޕީއެންސީއަކީ ވަރުގަދަ ޕާޓީއަކަށް ހައްދަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަސީމް ޕީއެންސީއާ ގުޅިވަޑައިގަތުމުން މަޖިލިހުގައި ތިއްބަވާ ޕީއެންސީގެ މެމްބަރުންގެ އަދަދު ވަނީ ހަތަރަކަށް އަރައިފަ އެވެ. މަޖިލިހުގައި އަދިވެސް އެންމެ ގިނަ މެމްބަރުން ތިއްބެވީ އެމްޑީޕީގަ އެވެ. އެ ޕާޓީގައި 55 މެމްބަރުން އެބަތިއްބެވި އިރު، ޕީޕީއެމްގައި ތިއްބެވީ ފަސް މެމްބަރުންނެވެ.