ބޮލީވުޑްގެ ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ޓޯކް ޝޯ "ކޮފީ ވިތު ކަރަން"ގެ އަށްވަނަ ސީޒަންގެ ފުރަތަމަ އެޕިސޯޑުގައި ދީޕިކާއާއި ރަންވީރު ފެނިގެން ދިޔައިރު ޝޯއަށްފަހު އެ ދެމަފިރިންނަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒު ވަމުން އެބަދެ އެވެ.

އެގޮތުން ޝޯގެ ތެރެއިން ދީޕިކާއާއި ރަންވީރު ދައްކާފައިވާ ބައެއް ވާހަކަތައް ފާހަގަކޮށް އެއަށް މީމްތައް ހަދައި އިންޓަނެޓުގައި މިހާރު ދައުރުވަމުން އެބަދެ އެވެ.

އެ ދެމީހުންނަށް ފާޑުކިޔަމުން އަންނަ އާއްމުން ބުނާ ގޮތުގައި ޝޯގައި އެ ދެމަފިރިން ދައްކާފައިހުރީ ހުސް ދެކޮޅު ނުޖެހޭ ވާހަކަތައް ކަމަށެވެ.

ކޮފީ ވިތު ކަރަންއަކީ ތަރިންގެ މެދުގައި މައްސަލަ ޖެހުމަށް މަގުފަހި ކުރުވާ މައްސަލަ ބޮޑު ޝޯއެއް ކަމަށް އާއްމުން އަބަދުވެސް ބުނެ އެވެ. އެގޮތުން ޝޯގައި ބައިވެރިވާ ތަރިންނަށް ވެސް ފާޑުކިޔުން އަމާޒުވެ އެވެ.

ކޮފީ ވިތު ކަރަންގެ ކުރިއަށް އޮތް އެޕިސޯޑުގައި ފެނިގެންދާނީ ދެބެއިން ކަމަށް ކަރަން ބުނި ނަމަވެސް އެއީ ކޮން ދެބެއިންނެއް ކަމެއް އޭނާ ނުބުނެ އެވެ.