އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި މިރޭ ސިންގަޕޫރަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

މުއިއްޒު ސިންގަޕޫރަށް ފުރާވަޑައިގަންނަވާ ކަން ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅަކު ކަށަވަރުކޮށް ދެއްވި އެވެ. އެނގިފައިވާ ގޮތުގައި މުއިއްޒު ސިންގަޕޫރަށް ވަޑައިގަންނަވަނީ އާއިލާގެ މެމްބަރުންނާ ވެސް އެކުގަ އެވެ.

މުއިއްޒު ސިންގަޕޫރަށް ވަޑައިގަންނަވާ ސަބަބެއް އަދި އެ ގައުމުގައި ހޭދަކުރައްވަނީ ކިތައް ދުވަސް ކަމެއް އެނގިފައެއް ނުވެ އެވެ. އަދި މުއިއްޒު ސިންގަޕޫރުގެ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް ވެސް އަދި ނޭނގެ އެވެ.

މިއީ މިދިޔަ މަހު އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ފަހުން އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 17 ގަ އެވެ. ޖުމްހޫރީ މައިދާނުގައި ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ރައްޔިތުންގެ މަޖިލިހުން ވަނީ 22.9 މިލިއަން ރުފިޔާ އަށް ސިފައިންގެ ސިވެކް ކުންފުންޏާ ހަވާލުކޮށްފަ އެވެ.