ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ސިއެން ލޫން 20 އަހަރަށް ފަހު މަގާމުން ވަކިވެޑައިގެން، ބާރުތައް ބޮޑުވަޒީރުގެ ނައިބު ލޯރެންސް ވޮންގްއާ ހަވާލު ކުރައްވަން ނިންމަވައިފި އެވެ.
ބޮޑުވަޒީރު ލީ ވިދާޅުވި ގޮތުގައި 2025 ވަނަ އަހަރު އޮންނަ އެ ގައުމުގެ އާންމު އިންތިޚާބުގެ ކުރިން މިހާރުގެ ބޮޑުވަޒީރުގެ ނައިބު ލޯރެންސް ވޮންގް އާ މަގާމު ހަވާލު ކުރައްވާނެ އެވެ.
ސިންގަޕޫރުގެ ބާނީ ލީ ކުއަން ޔޫގެ ދޮށީ ދަރިކަލުން ލީ، 71 ފުރަތަމަ ނިންމަވާފައި އޮތީ އުމުރުފުޅުން 70 އަހަރުގައި ރިޓަޔާ ކުރެއްވުމަށެވެ. އެހެން ނަމަވެސް ކޮވިޑާ ހެދި މަގާމުގައި ދެމި ހުންނަވަން ޖެހި ވަޑައިގެންނެވީ އެވެ. ލީ އަންނަނީ ސިންގަޕޫރުގެ ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ) ގެ ލީޑަރުކަމާއި ގައުމުގެ ބޮޑު ވަޒީރުކަން 2004 ވަނަ އަހަރުން ފެށިގެން ކުރައްވަމުންނެވެ.
ޕީއޭޕީ އިން އިއްޔެ ބޭއްވި ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ލީ ވިދާޅުވި ގޮތުގައި ބޮޑުވަޒީރުގެ ނައިބު ކަމުގެ އިތުރުން ފައިނޭންސް މިނިސްޓަރު ކަން ވެސް ކުރައްވަމުން ގެންދަވާ ލޯރެންސް އާއި އޭނާގެ ޓީމާ މެދު ފުރިހަމަ އިތުބާރު އެބަ އޮތެވެ. އެހެން ކަމުން ލީ ވިދާޅުވީ އެ ޓީމުގެ ޓްރާންސިޝަން ލަސްކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ.
ބޮޑު ވަޒީރު ލީ ވިދާޅުވީ ލޯރެންސާއި މަގާމު ހަވާލުކުރުމުގެ ސަބަބުން ކުރިޔަށް އޮތް އިންތިޚާބުގައި އޭނާގެ އަމިއްލަ މަސައްކަތުން ކާމިޔާބު ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
"ހުރިހާ ކަމެއް ރަނގަޅަށް ގޮސްފި ނަމަ ޕާޓީ އަށް 70 އަހަރު ފުރުމާ ދިމާކޮށް އަންނަ އަހަރު ފަހު ކޮޅު ލޯރެންސާ ވެރިކަން ހަވާލު ކުރާނަން،" އިސްތިޣުފާ ދެއްވާނެ ވަކި ތާރީޚެއް ހާމަނުކުރައްވައި ލީ ވިދާޅުވި އެވެ.
ލީގެ ބައްޕާފުޅު އަދި ސިންގަޕޫރުގެ ފުރަތަމަ ބޮޑު ލީ ކުއާން ޔޫ ވަނީ އެއްވެސް ގުދުރަތީ ވަސީލަތެއް ނެތް ފަގީރު ގައުމެއްގެ ގޮތުގައި އޮތް ސިންގަޕޫރު ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މުއްސަނދި ގައުމުތަކުގެ ތެރޭގައި އޭނާގެ ދިގު 31 އަހަރުގެ ވެރިކަމުގައި ހިމަނުއްވާފަ އެވެ. މިއީ މުޅި ދުނިޔޭގައި ވެސް ފާހަގަކުރާ ކާމިޔާބީގެ ވާހަކައެކެވެ.
ސިޔާސީ ވާދަވެރި ޕާޓީތަކުގެ މާބޮޑު ބާރެއް ނޯންނަ ސިންގަޕޫރުގެ ބޮޑުވަޒީރުގެ ޕްލޭނާ އެއްގޮތަށް ކަންތައް ހިނގައްޖެ ނަމަ ލޯރެންސް ވޮންގް ވާނީ ސިންގަޕޫރުގެ ހަތަރު ވަނަ ބޮޑު ވަޒީރަށެވެ.