މިފަހުން މަރުވެފައި އޮއްވާ ފެނުނު ފްރެންޑްސްގެ ތަރި މެތިއު ޕެރީގެ ނަމުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ހުޅުވައިފި އެވެ.

"ދަ މެތިއު ޕެރީ ފައުންޑޭޝަން"އަކީ މަސްތުވާތަކެއްޗާއި ޑްރަގުގެ ވަބާގައި ޖެހި އެކަމުން ސަލާމަތްވާން ބޭނުންވާ މީހުންނަށް އެހީވެދޭ ޖަމިއްޔާ އެކެވެ.

މި ފައުންޑޭޝަންއަކީ މެތިއު ބޭނުންވި ފަދައިން އޭނާ މަރުވުމުން މީހުންނަށް އެހީވެދޭ މީހެއްގެ ގޮތުގައި ހަނދާން ދަމަހައްޓަން ހުޅުވި ފައުންޑޭޝަންއެއް ކަމަށް އެކަމުގައި އިސްކޮށް އުޅޭ ފަރާތްތަކުން ބުނެ އެވެ.

މެތިއުއަކީ ވެސް އޭނާގެ ޒުވާން އުމުރުގައި އެޑިކްޝަންއާ ހަނގުރާމަކުރި ތަރިއެކެވެ. އޭނާ ވަނީ އޭނާގެ ތަޖުރިބާއާ ބެހޭ ގޮތުން ވަރަށް ގިނައިން ވާހަކަ ދައްކާފަ އެވެ.

މެތިއުއަކީ 1990ގެ އަހަރުތަކާއި ދެހާހުގެ ކުރީކޮޅު ދިވެހިންގެ ތެރޭގައި ވެސް މަޝްހޫރުވި ސިޓްކޮމް "ފްރެންޑްސް"ގެ އެއް ލީޑު އެކްޓަރެވެ.

އޭނާ މަރުވެފައި އޮއްވާ ފެނުނީ އޮކްޓޯބަރު 28 ވަނަ ދުވަހު އޭނާ ދިރިއުޅެމުން އައި ގޭގެ ބިލިއާއެއްގެ ތެރެއިންނެވެ. ޖަނާޒާ ބޭއްވީ އޭގެ ހަފްތާއެއް ފަހުން މިދިޔަ ހުކުރު ދުވަހު އެވެ.