ސްރީލަންކާއަށް ވައިގެ މަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ ދިވެހިން އެ ގައުމުގެ ފުލުހުން ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނ. ލަންދޫ، ނިރު، ހަސަން އަބްދުﷲ (40އ) އާއި ހ. ޕަލްމެއިރާ، މުހައްމަދު ޝާފީ ބިން އަހުމަދު (28އ) އެވެ.
ލަންކާގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިދިޔަ ބުދަ ދުވަހުގެ ރޭ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުން ހަސަން އަބްދުﷲ ހައްޔަރުކުރީ ރާއްޖެ މަގުން ލަންކާއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. އޭނާ ހައްޔަރުކުރި އިރު، ހަށިގަނޑުގައި ބަނދެގެން 602 ގްރާމްގެ "އައިސް" (ކްރިސްޓަލް މެތު) އެތެރެކުރަން މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުންގެ ތަހުގީގުގައި ހަސަން އަބްދުﷲ ދިން މައުލޫމާތުން އެނގުނު ގޮތުގައި، މި ތަކެއްޗަކީ ލަންކާގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކަށް ފޯރުކޮށްދިނުމަށް އެތެރެކުރި ތަކެއްޗެވެ. އޭނާ ދިން މައުލޫމާތުގެ އަލީގައި ކޮލޮމްބޯގެ ހޮޓަލެއް ބަލައި ފާސްކޮށް، އެ ތަނުގައި ހުރި މުހައްމަދު ޝާފީ ވަނީ ހައްޔަރުކޮށްފަ އެވެ. ޝާފީ ހުރި ކޮޓަރިން ވެސް 607 ގްރާމްގެ އައިސް ފެނިފައިވާ ކަމަށް ލަންކާ ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން ހަސަން އަބްދުﷲ އާއި ޝާފީ ނިގޮމްބޯ މެޖިސްޓްރޭޓް ކޯޓަށް ހާޒަރުކުރުމުން، އެ މީހުންގެ ބަންދަށް އިތުރު 14 ދުވަސް އެ ކޯޓުން ވަނީ އިތުރުކޮށްދީފަ އެވެ.
ސްރީލަންކާގެ ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. މިގޮތުން މި މަސްތުވާތަކެތި ފޯރުކޮށްދޭން އުޅުނު ނެޓްވޯކް ދެނެގަތުމުގެ މަސައްކަތް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.
އިޒްރޭލް މައްސަލާގައި އެމެރިކާއިން މެލޭޝިޔާގެ ސަފީރު ހާޒިރުކޮށްފި
ލަވަ ކިޔުން ހުއްޓާލުމަށްފަހު އަރިޖީތު އުނބަށް ޖެހީތަ؟
ސަރުކާރުގެ 7 ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި