މި ސަރުކާރުން ހިންގާ 'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން މިހާރު ދޫކުރުމަށް ނިންމާފައިވާ 4،000 ފްލެޓް މީހުންނަށް ދޫކުރުން މަޑުޖައްސާލުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ ފްލެޓުތަކާއި ގުޅޭގޮތުން ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތައް ހުރިކަން މީސް މީޑިއާގެ ޒަރީއްޔާއިން އަދި ސީދާ އެ އޮފީހަށް ލިބިފައިވާ ޝަކުވާތަކުން އެނގޭ ކަމަށެވެ. އަދި މިކަމުގައި މަޑުޖައްސާލަން އޭސީސީން އަނގާފައިވާކަން ފިރުޒުލް ފާހަގަ ކުރައްވާ ވިދާޅުވީ އިންތިހާބީ ރައީސްގެ ސްޓޭންޑަކީ ވެސް އެއީ ކަމަށެވެ. އަދި އެސީސީގެ ލަފައެއް އޮތުމާއެކު އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ މުޅި ޕްރޮސެސްއަށް އިތުބާރު ގެއްލޭނެ ފަދަަ ކަމެއް ކަމުގައި އޭނާ ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ ސިޔާސަތަކީ އާ ސަރުކާރުގެ ވެސް އެންމެ މުހިންމު އެއް ސިޔާސަތުކަމަށާއި، އެ ސިޔާސަތަށް ބުރޫއަރާ ގޮތަށް އަދި ރައްޔިތުންނަށް އޮޅޭގޮތަށް ކަންކަން ކުރަމުންދާނަމަ އަދި ނާޖާއިޒް ގޮތުގައި ވަކިބަޔަކަށް ފްލެޓް ދީފައިވާކަން ފާހަގަކުރެވިފައިވާނަމަ އެކަންކަން ބަލާނެކަމަށް ފިރުޒުލް ވިދާޅުވި އެވެ. އަދި ފްލެޓްގެ ހައްގު ވެރިންނަށް ފްލެތްތައް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަޤީންކަން އިންތިހާބީ ރައީސް ދެއްވާ ކަމަށް ވެސް ފިރުޒުލް ވިދާޅުވި އެވެ.

މީގެ އިތުރުން އިންތިގާލީ މި މުއްދަތުގެ ތެރޭގައި އަވަސް އަރުވައިލައިގެން މަސައްކަތް ކުރުމުގެ ބަދަލުގައި އަންނަން އޮތް ސަރުކާރާ މި މަސައްކަތް ހަވާލު ކުރުމަކީ އެންމެ އެދެވޭ ގޮތްކަމަށް ފިރުޒުލް ވިދާޅުވި އެވެ.

އިންތިގާލީ ރައީސް އޮފީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވާހަކަ ދައްކަވަނީ ----

"އަވަސް އަރުވައިލައިގެން ކުރިއަށް މިއޮތް ނުވަ ދުވަސް ތެރޭގައި އެންމެ އިންސާފުވެރިކަމާ އެކު އެކަން ގެންދެވޭނެކަމަށް ގަބޫލެއް ނުކުރެވޭ. އަދި އެކަމުގައި ކޮރަޕްޝަންގެ މައްސަލަތަކެއް ހުރިކަމުގެ ޝަކުވާ އިންތިހާބީ ރައީސް އޮފީހަށް ދަނީ ލިބެމުން. މިކަން ހުއްޓާލުމަށް އިންތިހާބީ ރައީސް އެދިވަޑައިގަތީ އެންމެ އިންސާފުވެރިކޮށް އެކަން ކުރިއަށްނުގެންދެވޭނެތީ" ފިރުޒުލް ވިދާޅުވި އެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު ހޮނިހިރު ދުވަހު އާންމު ކުރުމުން ގިނަ ބަޔަކު ވަނީ އެ ލިސްޓާ މެދުގައި ހިތްހަމަނުޖެހިގެން ޝަކުވާކޮށްފަ އެވެ. އަދި އެ ލިސްޓާ މެދުގައި ހިތްހަމަނުޖެހިގެން ޕޮއިންޓް ދިން ގޮތުގެ ތަފްސީލް ހާމަކުރަން ގޮވާލައި ހައުސިން މިނިސްޓްރީ އަށް ބަޔަކު ގޮސް އިއްޔެ އިހްތިޖާޖް ވެސް ކުރި އެވެ.

ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމު ކުރީ ވެސް އުސޫލުން ބޭރުން, ކޮރަޕްޝަން އެކުލެވޭހެން 4,000 ފްލެޓް ބަހާލަން އުޅޭކަމުގެ ތުހުމަތުގައި އޭސީސީއަށް މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން 4،000 ފްލެޓަށް، 20,697 ފޯމު ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން 13،000 އަށް ވުރެ ގިނަ މީހުންގެ ޝަރުތު ހަމަވި އެވެ. "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ޝަރުތު ހަމަވި ނަމަވެސް ފުރަތަމަ ދޫކުރާ 4،000 ފްލެޓު ނުލިބޭ މީހުންނަށް ވަނީ ލިޔުމެއް ދިނުމަށް ނިންމައިފަ އެވެ. އަދި އެ ލިޔުން 9،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރުވެރިޔާ ޕޯޓަލްގައި ހިމަނާނެ ކަމަށް ބުނެފައިވެ އެވެ.