ސިވިލް ކޯޓުގެ ގާޒީ ކަމަށް އާދަމް ޒާލިފް އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.

ޖޭއެސްސީން ބުނީ ސިވިލް ކޯޓުގެ ގާޒީ ކަމަށް އާދަމް ޒާލިފް އައްޔަންކުރުމަށް ނިންމީ ފަނޑިޔާރުން އައްޔަންކުރުމުގައި ޖޭއެސްސީއަށް ލަފާދޭ ކޮމިޓީން އިންޓަވިއުކުރުމަށްފަހު އިއްޔެ ބޭއްވި ކޮމިޝަންގެ ބައްދަލުވުމަށް ފަހު ކަމަށެވެ.

އާދަމް ޒާލިފްއަކީ ވިލާ ކޮލެޖްއިން ބެޗްލާ އޮފް ޝަރީއާ އާއި މާސްޓާ އޮފް ޝަރީއާ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.

ޝަރުޢީ ދާއިރާގައި ހަތް އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާއިރު ޓްރައިބިއުނަލްގެ މެންބަރުކަން އަދާކުރައްވާ، ވަކާލާތުކުރައްވާ އަދި ޏ. ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އެސިސްޓެންޓްގެ މަގާމު ޒާލިފް އަދާކުރެއްވި އެވެ.

ޒާލިފް ގާޒީ ކަމަށް އައްޔަންކުރަން ނިންމިއިރު އޭއެންޑް ޒެޑް އެސޯސިއޭޓްސް އެލްއެލްޕީގެ މެނޭޖިން ޕާޓްނަރުގެ މަގާމު އައީ އަދާ ކުރައްވަމުންނެވެ.

ސިވިލް ކޯޓަށް ގާޒީއަކު ހޯދަން ޖޭއެސްސީ އިން އިއުލާނު ކުރީ މިދިޔަ އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަހު އެވެ.

އެ ކޯޓުގެ ގާޒީކަމުގެ މަގާމަށް އިއުލާނު ކުރުމުން ކުރިމަތިލެއްވީ 15 ބޭފުޅުންނެވެ.