ދައުލަތުން ލިބޭ ފައިސާއިން ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ހިންގުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި އެ ޕާޓީ އަބަދުވެސް ކުރިއަށްދާނީ ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާ އެކު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ރޭ އެ ޕާޓީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މިހާތަނަށް ވެސް ޕީއެންއެފްގެ އެއްވެސް ހަރަކާތެއް ހިންގާފައި ވަނީ ސަރުކާރުން ދޭ ފައިސާއަކުން ނޫން ކަމަށެވެ. އަދި އެ ޕާޓީއަކީ ދައުލަތުން އެންމެ ލާރި ފޮއްޗެއް ވެސް ނުލިބި، އެކަމަކު ދައުލަތް އެންމެ ބޮޑަށް ޖަވާބުދާރީ ކުރުވާ ބަޔަކަށް ވެފައިވާ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ ގާނޫނުތައް ބުނާގޮތުން ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޫކުރަނީ އެ ޕާޓީއެއްގައި މަދުވެގެން 10,000 މެންބަރުން ހަމަވާ ނަމަ އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޕީއެންއެފްގައި މިހާރު ތިބީ 3,137 މެންބަރުންނެވެ.
ވެރިކަން ކުރާ ޕީއެންސީއަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ ޕީއެންއެފްއަކީ ކުޑަ ޕާޓީއެއް ކަމަށް ވިޔަސް، ގާތްގަނޑަކަށް 68,000 މެންބަރުން ތިބި ޕާޓީއަކާ މެދު ރައްޔިތުން ދެކޭ ގޮތް މިދިޔަ އޭޕްރީލް މަހު ބޭއްވި އިންތިޚާބުން ވަރަށް ސާފުކޮށް އެނގިގެން ގޮސްފައިވާ ކަމަށެވެ. މީގެ އިތުރުން، ޕީއެންއެފްއަށް ވަންނަން ސޮއިކުރާ މީހުންގެ މައުލޫމާތުތައް ވެރިކަން ކުރާ ޕާޓީއަށް ލީކުވަމުންދާ ކަމަށް ތުހުމަތު ކުރައްވައި، އެއީ އިލެކްޝަންސް ކޮމިޝަނުގެ ތެރެއިން ނޫނީ ނުވާނެ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ޔާމީން ވަނީ އިލެކްޝަންސް ކޮމިޝަނުގެ މިނިވަންކަމާ މެދު ސުވާލު އުފައްދަވައި، އެ ކޮމިޝަނަށް އެއްވެސް ވަރެއްގެ އިތުބާރެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އެ މަނިކުފާނު ސިފަކުރެއްވި ގޮތުގައި އިލެކްޝަންސް ކޮމިޝަނަކީ އެއްގޮތަކަށް ވެސް ރައްޔިތުންގެ އިތުބާރު އޮތް ތަނެއް ނޫން ކަމަށާއި، ކިތަންމެ ވަރަކަށް ފާޑުކިޔަސް އެ މުއައްސަސާ އިސްލާހުވާނެ ކަމުގެ އުންމީދެއް ނެތެވެ.
މާފުށީ ބޭރުގައި އޮންނަ ސަފާރީ ތޮށި މައްޗަށް އުރި ފުނޑުފުނޑުވެއްޖެ
