ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ހުށަހަޅާފައިވާ 'ގަރާރު' ރިޔާސަތުން ބޭރުކޮށްފައިވާތީ އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދަށް ތާވަލުކުރި މަޖިލީހުގެ ދެވަނަ ޖަލްސާ ނިންމަވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މިއަދު ހެނދުނު 09:30 ގައި ބޭއްވި ޖަލްސާ ނިންމާލީ އެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މެންބަރު ހަސަން އަފީފެވެ.

އަފީފް ވިދާޅުވީ މަޖިލީހުގައި ކަން ހިނގާ ގޮތަށް ބަލާއިރު ސުޕްރީމް ކޯޓުން މި ނިންމި ނިންމުމުން ވެސް ކަންތައްތަކެއް ބަދަލުވެފައިވާ ކަމަށެވެ. އަދި ހުރިހާ ކަމެއް ވެސް އޮންނާނީ ދެމިގެންދާ ގޮތަށް ގަވައިދުގެ އެހެން މާއްދާތަކާ ވެސް ގުޅިގެންދާ ގޮތަށް ކަމަށް ވިދާޅުވި އެވެ.

އަފީފް އެ ޖަލްސާ ނިންމަވައިލެއްވީ އިތުބާރު ނެތްކަމުގެ ގަރާރު ހުށަހަޅުއްވާފައި އޮތީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވެ އެވެ.

ރައީސް ނަޝީދު ވަކިކުރުމުގެ މައްސަލަ އަލުން އެޖެންޑާކޮށް މިއަދު އިތުރު ޖަލްސާއެއް 11:30 ގައި ބޭއްވުމަށް ނިންމާ، އެޖަލްސާގައި ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ.

އީވާ ޖަލްސާ ފައްޓަވާ ވިދާޅުވީ 11:30 އަށް އެޖެންޑާކުރި ޖަލްސާގެ އެޖެންޑާގައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރަކީ، ނިޒާމީ ނުކުތާއަކާ ގުޅިގެން، ރިޔާސަތުން ބޭރުކޮށްފައިވާ ގަރާރެއް ކަމަށެވެ.

މީގެއިތުރުން އީވާ ވިދާޅުވީ މި ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ގަރާރަކީ، ސުޕްރީމް ކޯޓުގެ ހުކުމަށް އަދި މަޖިލީހުގެ ގަވައިދަށް ރިއާޔަތްކޮށް ރިޔާސަތުން ބޭރުކޮށްފައިވާ ގަރާރަކަށް ވާތީ، އެ ގަރާރު އިތުރަށް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އެހެން ވިދާޅުވެ އިވާ ވަނީ މިއަދުގެ ޖަލްސާ ނިންމަވާލައްވައިފަ އެވެ.

އިވާގެ މި ނިންމެވުމާ ގުޅިގެން މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ވަނީ އަޑުގަދަ ކުރައްވައިފަ އެވެ.