އެކުގައި މަސައްކަތްކުރާ އެކްޓަރުންނާ ވާދަކުރަން މިހާރު މަސައްކަތް ނުކުރާ ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރު ޚާން ބުނެފި އެވެ.
ދަ ޑާޓީ މެގަޒިންއަށް ދިން އިންވިއުއެއްގައި ކަރީނާ ބުނީ ބޮލީވުޑްއަކީ މިއަދު ވަރަށް ވާދަވެރި ތަނެއް ކަމަށާއި މި ދުވަސްވަރު އޭނާ އެދާއިރާއަށް ތައާރަފްވި ނަމަ މާ ގިނަ ދުވަހު ނުހިފެހެއްޓުނީސް ކަމަށެވެ.
ކަރީނާ އިތުރަށް ބުނީ ބޮލީވުޑް މިހާރު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށާއި މިހާރު ބޮލީވުޑްގައި އާ ކަންތައްތަކަށް ލޯހުޅުވި ގަބޫލު ކުރަން ފަށާފައިވާ ކަމަށެވެ.
ހަމައެއާއެކު ބޮލީވުޑްގެ ބޮޑު ޕާޓީތަކަށް ދާން އެހާ ޝައުގުވެރިކަމެއް މިހާރު ނެތް ކަމަށާއި ބޭނުންވަނީ އޭނާގެ މަސައްކަތަށް އަހައްމިއްޔަތުކަން ދޭން ކަމަށް ވެސް ކަރީނާ ބުންޏެވެ.
މީގެ 20 އަހަރު ކުރިން ބޮލީވުޑަށް ނުކުތް ކަރީނާއަކީ އޭރު އެންމެ ވާދަވެރި ތަރިންގެ ތެރޭގައި ހިމެނޭ ތަރި އެކެވެ. އެކަމުގެ ތެރެއިން ބައެއް އެހެން ތަރިންނާ މައްސަލަވެސް ޖެހިފައިވެ އެވެ.
ދަރިން ވިހެއުމަށްފަހު ކުޑަ ދުވަސްކޮޅަކަށް ފިލްމީ މަސައްކަތްތަކާ ދުރުގައި ހުރި ކަރީނާ މިހާރު ވަނީ އަލުން މަސައްކަތް ކުރަން ފަށާފަ އެވެ.
އެގޮތުން ކަރީނާ ވަނީ އާމިރް ޚާންގެ ލާލް ސިންހް ޗައްދާއާއި ސުޖޯއީ ގޯޝްގެ "ޖާނޭ ޖާން"އިން ފެނިފަ އެވެ. ދެން އޭނާ އެންމެ އަވަހަށް ދެން ފެންނާނީ ހަންސަލް މެހްތާގެ ތުރިލާ "ދަ ބަކިންހަމް މާޑާސް" އިންނެވެ.