ފަލަސްތީނުގެ ޣައްޒާގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލް، ޝިފާ ހޮސްޕިޓަލުގައި ތިބި މީހުން އެތަނުން ނުކުންނަން އިންޒާރު ދެމުން އަންނަ ކަމަށް ހޮސްޕިޓަލްގައި ތިބި މީހުން ބުނަން ފަށައިފި އެވެ.

ޝިފާ ހޮސްޕިޓަލްގެ ތެރޭގައި ޒަހަމްވެގެންނާއި ބަލިވެގެން ގެނެސް ތިބި މީހުންގެ އަދަދު 650 އަށް އަރާއިރު، އަމިއްލަ ގެދޮރު ދޫކޮށް ހިޔާވަހިކަން ހޯދަން ޝިޕާ ހޮސްޕިޓަލަށް ދިޔަ މީހުންގެ އަދަދު 7،000 އަށް ވުރެ މައްޗަށް އަރަ އެވެ. އިސްރާއީލްގެ މި އިންޒާރާ ގުޅިގެން ބައެއް މީހުން މިހާރު ހޮސްޕިޓަލް ދޫކޮށް ދާން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިސްރާއީލް ސިފައިން އެއްގަމު މަގުން ޣައްޒާ އަށް އަރައި ކުރަމުން އަންނަ ހަނގުރާމައިގައި މައިގަނޑު އަމާޒަކަށް ހަދާފައި ހުރީ ޝިފާ ހޮސްޕިޓަލް އެމީހުންގެ ބެލުމުގެ ދަށަށް ގެންދިއުމެވެ. އިސްރާއީލްގެ ސިފައިން މީގެކުރިން ހާމަކޮށްފައިވާ ގޮތުގައި އެ ހޮސްޕިޓަލްގެ އަޑީގައި ހަމާސްގެ ބިންގަރާހެއް ހަދާފައިވެ އެވެ. އަދި ހަމާސްގެ މައިގަނޑު އޮޕަރޭޝަންތައް ހިންގަނީ އެ ތަނުގައި ކަމަށް ބުނެފައިވެ އެވެ.

މިހާތަނަށް އައިއިރު، އެކަމުގެ އެއްވެސް ހެއްކެއް އިސްރާއީލަށް ދެއްކިފައެއް ނުވެ އެވެ.

ޝިފާ ހޮސްޕިޓަލް ކައިރީގައި އިސްރާއީލް ސިފައިންނާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ މުޖާހިދުންނާ ދެމެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް މިހާރު ހިނގަމުން އެބަދެ އެވެ.

ޣައްޒާގެ ހޮސްޕިޓަލްތަކުގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޒަގޫތު ވިދާޅުވީ ޑޮކްޓަރުންނާއި ބަލި މީހުންނާއި ހިޔާވަހިކަން ހޯދަމުން އަންނަ މީހުން ޣައްޒާ ހޮސްޕިޓަލުން ނުކުންނަން އަންގާފައިވާ ކަމަށެވެ. ބައެއް މީހުންނާ ދިމާލަށް ބަޑި ދިއްކޮށްފައި އެ ހޮސްޕިޓަލުން ނުކުންނަން އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު، އިސްރާއީލްގެ އަސްކަރިއްޔާ އިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވަނީ އެކަން ދޮގުކޮށް، ޝިފާ ހޮސްޕިޓަލުން އެއްވެސް މީހަކު ނުކުންނަން އަންގާފައި ނުވާ ކަމަށް ބުނެފަ އެވެ.

އެކަމަކު، ޒަގޫތު ވިދާޅުވީ އިސްރާއީލްގެ އަސްކަރިއްޔާ އިން ހަދަނީ ދޮގެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ހޮސްޕިޓަލްގައި ތިބި މީހުންގެ ތެރޭގައި ހާލު ވަރަށް ސީރިއަސް މީހުންނާއި އަލަށް އުފަންވެފައިވާ ކުޑަކުދިން ހިމެނެއެވެ. އަދި އެއް ގަޑިއިރު ތެރޭގައި ހޮސްޕިޓަލް ހުސް ކުރުމަކީ ވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 12،000 އަށް އަރައިފަ އެވެ.