ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދި ވެބް ސީރީޒްތަކާއި ލަވަތަކެއް ޑައިރެކްޓް ކޮށްފައިވާ އަޒްހާން އިބްރާހިމްގެ ފުރަތަމަ ފީޗާ ފިލްމު "މީ އިޝްގު" ގެ ޝޫޓިން ނިންމާލައިފި އެވެ.

"މީ އިޝްގު"ގެ ޝޫޓިން ނިންމާލާފައިވާއިރު މިފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ. މިއީ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ.

މިފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ދިވެހި ފިލްމީ ދާއިރާގައި މިހާރު ކުރިއަރަމުން އަންނަ ދެ ޒުވާން ތަރިންނެވެ. އެއީ ޝަރަފު އަބްދުﷲ އާއި އައިމިނަތު ރަޝްފާ (އާޝާ) އެވެ. މި ފިލްމަކީ ދެ ތަރިންގެ ޖޯޑު އެކީގައި ފެންނާނެ ދެވަނަ ފިލްމެވެ.

ޑާކް ރެއިން އެންޓަޓައިންމަންޓުން މި އަހަރުގެ މާޗްގައި މީޑިއާ ނެޓް މެދުވެރުކޮށް ޑިޖިޓަލްކޮށް ޕްރީމިއާކުރި "ހިނދުކޮޅެއް" އަކީ ޝަރަފާއި އާޝާގެ ކެމިސްޓްރީ ފެނިގެން ދިޔަ އެއްޗެކެވެ.

"މީ އިޝްގު" ގެ ޝޫޓިން ނިންމާލައި، ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާ އަށް ފިލްމު ގެންދިޔަ ނަމަވެސް އޮލިމްޕަހަށް ފިލްމު ގެންނާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު މި ފިލްމު ޕްރެޒެންޓްކޮށް ދޭނީ ޑާކް ރެއިނުންނެވެ. އެކަން އިއުލާންކޮށް ސެޕްޓެމްބަރުގައި ފިލްމުގެ ޓީޒާކޮޅެއް ވެސް ދައްކައިލި އެވެ.

އަޒްހާން ފީޗާ ފިލްމެއް ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވާ އިރު، އޭނަ ކުރިން ދެ ވެބް ސީރީޒެއް ހަދާފައިވެ އެވެ. އެއީ "މިރާއީ" އާއި "ދަރަކަ" އެވެ.

މި ދެ ސީރީސްއަކީ ވެސް ކްރައިމް ތުރިލާ ޖޯންރާއަށް ފެތޭ، ދިވެހި އިޖުތިމާއީ މައްސަލަތަކަށް އަލިއަޅުވާލާފައިވާ އުފެއްދުންތަކެވެ. މި ދެ ސީރީޒް އަކީ ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ ދެ ސީރީޒެވެ.