މިހާރު ކުރިއަށްދާ ބިގްބޮސް ސީޒަން 17ގެ ވައިލްޑް ކާޑް އެންޓްރީގެ ގޮތުގައި ޝޯއަށް އައުމުގެ ފުރުސަތު އޮތް ތަރިންގެ ލިސްޓެއް މިހާރު އަންނަނީ މީޑިއާގައި ދައުރުވަމުންނެވެ.

އެގޮތުން އެ ލިސްޓަށް ވަރަށް ފަހުން މިވަނީ އިތުރު ނަމެއް ވެސް ގުޅިފަ އެވެ. އެއީ އިންޓަނެޓުގައި ގިނަ ބައެއްގެ ސަމާލުކަން ހޯދަމުން އަންނަ އޮރްހާން އަވަތުރަމާނީ ނުވަތަ އާއްމު ނަމުންނަމަ "އޮރީ" އެވެ.

ހަބަރުތައް ބުނާ ގޮތުގައި ބިގްބޮސްގެ ޕްރޮޑިއުސަރުން އަންނަނީ ޝޯއާ ބެހޭ ގޮތުން އޮރީއާ މަޝްވަރާ ކުރަމުންނެވެ. ވައިލްޑް ކާޑް ކޮންޓެސްޓެންޓެއްގެ ގޮތުގައި އޮރީ ބިގްބޮސްއަށް ވަނުމުގެ ފުރުސަތު ބޮޑުކަމަށް މީހުން ބުނެ އެވެ.

އޮރީ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވަނީ ޒުވާން ކޮންމެ ތަރިއެއްގެ އެންމެ ގާތް ރަހުމަތްތެރިއަކީ އޭނާ ކަމަށް ބުނެ ސޯޝަލް މީޑިއާއަށް ދޫކޮށްލި އިންޓަވިއުއަކަށްފަހު އެވެ.

ބިގްބޮސްގެ ވައިލްޑް ކާޑް ޖާގައަށް ވާދަކުރާ އެހެން ތަރިންގެ ތެރޭގައި ރާކީ ސާވަންތު، އާދިލް ޚާން ދުރާނީ އަދި ރިތޭޝް ސިންހް ފަދަ ތަރިން ފާހަގަ ކުރެވެ އެވެ.