މިވެރިކަމަކީ ރައްޔިތުންގެ ބުރަ މަސައްކަތުން ގެނެސްފައިވާ ވެރިކަމެއް ކަމަށާއި މިވެރިކަން ދިފާއު ކުރެއްވުމުގައި ރައީސް މުހައްމަދު މުއިއްޒާއެކު ސާބިތުވެ ހުންނަވާނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިހެން ވިދާޅުވެފައިމިވަނީ ޕީޕީއެމްގެ ތެރޭގައި ހިޔާލު ތަފާތުވުން އުފެދި ކުރީގެ ރައީސް ޔާމީން އެޕާޓީ ދޫކުރައްވާ އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވާ ދަނޑިވަޅެއްގަ އެވެ.
ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒު އިސްކުރައްވަނީ ރައްޔިތުންގެ މަސްލަހަތުކަމަށެވެ. އެހެންކަމުން ރައްޔިތުންނަން ލާބައާއި މަންފާހުރި ވެރިކަމަށް ރައީސް މުއިއްޒުގެ ވެރިކަން ހެއްދެވުމަށް އެމަނިކުފާނާއެކު ސާބިތުވެ ހުންނަވާނެކަމުގެ ޔަޤީންކަން ނައިބު ރައީސް ދެއްވި އެވެ.
"އެމަނިކުފާނު އިސްކުރައްވާނީ ތިޔަ ރައްޔިތުންގެ މަސްލަހަތު.. ވީމާ މިވެރިކަމަކީ ރައްޔިތުންނަށް ލާބައާއި މަންފާހުރި ނަފާވެރި ވެރިކަމަކަށް ހެދުމަށް އެމަނިކުފަނާއެކު ސާބިތުވެ ހުންނާނެކަމުގެ ޔަޤީންކަން އަރުވަން" ނައިބު ރައީސް ވިދާޅުވި އެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަން ތެރޭގައި ހިޔާލު ތަފާތުވުން އިތުރުވެފައިވާ މިވަގުތުގައި އެކޯލިޝަންގައި ހިމެނޭ ލީޑަރުން އަންނަނީ ރައީސް މުއިއްޒާއެކު ތިބިކަން ހާމަކުރައްވަމުންނެވެ. އޭގެ ތެރޭގައި މިނިސްޓަރުން ހިމެނެ އެވެ. އަދި މިސަރުކާރުގެ އެކި މަގާމުތަކުގައި ތިބި ފަރާތްތައް ހިމެނެ އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ ހަފްތާއެއް ނުވެ ރައީސް ޔާމީން ކުއްލިއަކަށް ޕީޕީއެމް އިން ވަކިވެވަޑައިގެންނެވުމަކީ ގިނަ ބަޔަކަށް ލިބުނު ހައިރާން ކަމެކެވެ. އެހެން ނަމަވެސް ރައީސް މުއިއްޒު އިންތިހާބުވެވަޑައިގެންނެވި ފަހުން ރައީސް ޔާމީން އާއި ޕީޕީއެމް/ޕީއެންސީ ލީޑާޝިޕްއާ އޮތް ގުޅުން ކެނޑިފައިވާ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ.
ރައީސް ކަމަށް އިންތިހާބުވެވަޑައިގަތް ފަހުން ޔާމީންގެ ފޯންކޯލްތަކަށް ޑރ. މުއިއްޒު ޖަވާބު ވެސް ނުދެއްވަ އެވެ.
ޔާމީން ޕިޕީއެމް އިން ވަކިވެވަޑައިގަންނަވަން ޖެހުނީ އެމަނިކުފާނުގެ މަޝްވަރާ އާއި ލަފާ އެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ބޭނުންނުކުރާތީ އެވެ.