ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނެޝަނަލް ޕާޓީ (ޕީއެންއެފް)އަށް އުފެއްދުމުގެ ހުއްދަ މާދަމާ ލިބިގެންދާނެ ކަމަށް ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދާ ޕާޓީއަށް އިލެކްޝަން ކޮމިޝަނުން އެޕާޓީ އުފެއްދުމުގެ ހުއްދަ މާދަމާ ލިބިގެންދާނެ ކަމަށެވެ.

"ރައީސް ޔާމީން އުފައްދަވާ ޕާޓީގެ އަޕްޑޭޓް: އުފާވެރި ޚަބަރު. ޕީއެންއެފް އުފެއްދުމުގެ ހުއްދަ މާދަމާ ލިބޭނެ ކަމުގެ އުފާވެރި ޚަބަރު ލިބިއްޖެ. މިކަން ދާނީ ޔާން ސްޕީޑުގައި. އިންޝާﷲ" ރައީސް ޔާމީންގެ ދައުރުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި މަލީހު ވިދާޅުވި އެވެ.

ޔާމީންގެ ސިޔާސީ ޕާޓީ އުފެއްދެވުމުގައި އިސްކޮށް މަސައްކަތް ކުރައްވަނީ ކުރީގެ ނައިބު ރައީސް އަދި އެމަނިކުފާނުގެ އެންމެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލާއި ޔާމީންގެ ސަރުކާރުގައި ޗީފް އޮފް ސްޓާފް ކަން ކުރެއްވި އަހުމަދު މުސްތަފާ އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދެވެ.

ޕީއެންއެފް އުފެއްދުމުގެ ހުއްދަ އަށް ރަސްމީކޮށް މިއަދު ވަނީ އެދިފަ އެވެ.

މީގެ ކުރިން މަލީހު ވިދާޅުވީ ރައީސް ޔާމީން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމެވީ އެމަނިކުފާނު ވަރަށް ލޯބިވާ ޕީޕީއެމް ބަޔަކު ފޭރިގެންފައިވާތީ ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. ދިވެހި ރައްޔިތުންގެ އެންމެ ގިނަ ބައެއްގެ ލޯތްބާއި އިހްތިރާމް މިވަގުތު އޮތް ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަމަށް ވެސް މަލީހް ވިދާޅުވި އެވެ.

މަލީހް ވަނީ ރައީސް ޔާމީނަށް ތާއީދު ކުރާ ހުރިހާ އެންމެން ޕީއެންއެފްއާ ގުޅިވަޑައިގަތުމަށް ދައުވަތު ދެއްވާ ކަމަށެވެ.

ޔާމީން އަލަށް އުފައްދަވާ ޕީއެންއެފްގެ މުއައްސިސްގެ ގޮތުގައި ހަމަޖައްސަން ނިންމާފައި ވަނީ ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން އެވެ. އެ ޕާޓީގެ މެމްބާޝިޕް ފޯމް ފުރުމުގެ މަސައްކަތް ޕާޓީގެ އޮފީހުގައި ރޭ ވަނީ ފަށައިފަ އެވެ. މި ހަރަކާތް ބައްލަވާލެއްވުމަށް ރައީސް ޔާމީން ވެސް އެތަނަށް ވަޑައިގެންނެވި އެވެ. އަދި އެންމެ ފުރަތަމަ އެ ޕާޓީގެ ފޯމްގައި ސޮއިކުރެއްވީ ރައީސް ޔާމީން އެވެ.