ރާއްޖެ އެތެރެ ކުރާ ބޭހެއްގައި ނުރައްކާތެރި ދެ ކެމިކަލެއް ހުރުމުން އެ ވިއްކުން މަނާކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ "އެމިޑަން ސަސްޕެންޝަން" ނަމަކަށް ކިޔާ ބޭސް މަނާކުރީ، އެބޭހުން ނުރައްކާތެރި ކެމިކަލްގެ މާއްދާތަކެއް ފެނިފައިވާތީ ކަމަށެވެ.

ބޭހުގައި ޑައިއީތައިލިން ގްލަައިކޯލް އަދި އިތައިލީން ގްލައިކޯލް ނަމަކަށް ކިޔާ ނުރައްކާތެރި ކެމިކަލެއް ހިމެނޭކަމަށް ޕާކިސްތާނުގެ ބޭސް ރެގިއުލޭޓްކުރާ އޮތޯރިޓީން އަންގާފައިވާ ކަމަށް ވެސް އެމްއެފްޑީއޭ އިން ބުންޏެވެ.

އެހެންވެ، އެ ބޭހުގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

މިބޭސް ރާއްޖެ އެތެރެކޮށް ވިއްކާ ފަރާތްތަކުން ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ބޭސް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެމްއެފްޑީއޭއިން ވަނީ އަންގައިފަ އެވެ.

ބޮލަށް އެނބުރުން އެރުމާއި ހޮޑުލުން ހުއްޓުވަން ދިން ބޭހެއް މަނާކުރިއިރު، އެމްއެފްޑީއޭ އިން މި މަހު ވެސް ވަނީ އެ ކުންފުނިން އުފައްދާ އިތުރު ބޭހެއް ވިއްކުން މަނާކޮށްފަ އެވެ.