އަލަތު މައިންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް އުނދަގުލަކީ ތުއްތު ދަރިފުޅުގެ ރުއިން ހުއްޓުވުމެވެ. އެކި ކަހަލަ އުކުޅުތައް ބޭނުން ކުރިއަސް ދަރިފުޅު މަސަލަސް އުނދަގޫވާ ފަހަރު އާދެ އެވެ. މިލިޔުމުގައި މިބލާލަނީ ތުއްްތު ދަރިފުޅުގެ ރުއިން ހުއްޓުވަން ބޭނުން ކުރެވިދާނެ ބައެއް އުކުޅު ތަކަށެވެ.
ވާހަކަ ދެއްކުން
ދަރިފުޅު ކިތަންމެ ކުޑަނަމަވެސް ދަރިފުޅާއި ވާހަކަ ދައްކާށެވެ. ނޫނީ ދަރިފުޅު ހިތްހަމަޖެހޭނެ ފަދަ ނާނާ އެއްވެސް ކިޔައިދެވިދާނެއެވެ. މައިމީހާގެ އަޑުން ދަރިފުޅުގެ ރުއިން މަސަލަސް ވާނެ އެވެ.
ކަސްރަތު ކުރުވުން
ދަރިފުޅު އުއްޑުން ބޭއްވުމަށްފަހު ތަދުނުވާނެގޮތަށް ދެފައިތިލައިގައި ހިފަހައްޓައިގެން ބައިސްކަލް ދުއްވާއިރު ފަޔަށް ގެންނަ ހަރަކާތާއި އެއްގޮތަށް ދެފައި ހަރަކާތްކޮށްލާށެވެ. އަދި ފޫޅުގެ ވަށައިގެން މަޑުމަޑުން ދެއިނގިލި ބޭނުންކޮށްގެން މަސާޖު ކުރެވިދާނެ އެވެ. އެއިރުން ގޭހުގެ އުނދަގުލެއްވާނަމަ އެކަމަށް ލުއެއްލިބުން އެކަށީގެންވެ އެވެ.
ވައި ލެއްވުން
ބައެއް ކުދިން ބުއްފުޅި ބޯއިރު ރަނގަޅަށް ބޯން ނޭނގުމުގެ ސަބަބުން ވައި އެތެރެވެ އޭގެ އުނދަގޫ ކުރިމަތިވެ އެވެ. ދަރިފުޅު ރޯނަމަ ވައިލެއްވުމަށް މަސައްކަތް ކުރެވިދާނެ އެވެ.