ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ އުފައްދަވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ ދިނުމާ މެދު މާދަމާ ގޮތެއް ނިންމާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ޕީއެންއެފް އުފެއްދުމުގެ ހުއްދަ ދިނުމާ މެދު މާދަމާ 14:00 ގައި ބާއްވާ އެ ކޮމިޝަނުގެ ޖަލްސާގައި ގޮތެއް ނިންމާނެ ކަމަށެވެ.

ޔާމީންގެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގަތީ އެމަނިކުފާނުގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީނެވެ. ޔާމީން އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމެވީ އެމަނިކުފާނުގެ ހިޔާލު ހޯދުމުއް ނެތި ޕީޕީއެމްގެ ލީޑާޝިޕުން ނިންމުންތައް ނިންމާ ކަމަށް ވިދާޅުވެ އެވެ.

އެ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ އެ ޕާޓީގެ މެމްބަރަކަށް ވުމަށްޓަކައި ގިނަ ބައެއްގެ ޝައުގުވެރިކަން އެބަހުރި ކަމަށެވެ. އެގޮތުން މިރޭ ވަނީ އެ ޕާޓީގެ ހޮޓްލައިން ނަންބަރު ތައާރަފްކޮށްފަ އެވެ.

އަންނަ ޖެނުއަރީ މަހު ބާއްވާ މާލޭ ސިޓީގެ މޭޔަރާއި ހުސްވެފައިވާ ކައުންސިލަރު ކަމުގެ ގޮނޑިތަކުގެ އިންތިހާބުގައި ވެސް އެ ޕާޓީން ވާދަކުރާނެ ކަމަށް މަލީހު ވިދާޅުވި އެވެ.

ހަމައެހެންމެ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އެ ޕާޓީން ވާދަކުރާނެ އެވެ.