ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފިކުރަކީ ފަނޑުވާނެ ފިކުރެއް ނޫން ކަމަށާއި އެއީ ތަރައްގީގެ ފިކުރު ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރައްވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ ލިބުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ ރާއްޖޭގެ ހާލަތު ގޮސްފައި އޮތް ހިސާބާއި ދިވެހިންގެ ކުރިމަތީގައި އޮތް ގޮންޖެހުންތަކާއި މައްސަލަތަކުން އަރައިގަތުމަށްޓަކައި ތެދުވެރިކަމާއި އިހްލާސްތެރިކަމާއި ވިޝަންއާ އެކީގައި މަސައްކަތް ކުރާނެ ބަޔަކީ ރައީސް ޔާމީން ހުންނެވި ކޮންޒަވޭޓިވް ފިކުރު ކަމަށެވެ.

އެހެންވެ، ރާއްޖޭގައި ތިބި ހުރިހާ ސިޔާސީ ޕާޓީއެއްގެ މެމްބަރުންނާއި ޕާޓީއެއްގައި ނޫޅޭ މެމްބަރުން ވެސް ޕީއެންއެފް އަށް ސޮއިކުރެއްވުމަކީ ޔާމީން އެދިވަޑައިގަންނަވާ ކަމެއް ކަމުގައި ޖަމީލް ވިދާޅުވި އެވެ.

"ޝައްކެއް ވެސް ނުކުރައްވާ، މާތް ﷲ ގެ ތަނަވަސް ރަހްމަތާ އެކީގައި ރައީސް ޔާމީންގެ ފިކުރެއް ފަނޑެއް ނުވާނެ. އެމަނިކުފާނު ސިޔާސީ މަސައްކަތްޕުޅުގައި އުޅުއްވާނެ. މި ޕާޓީއާ އެކީގައި އެމަނިކުފާނު އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލިސްގެ އިންތިހާބުގައި ވަރަށް ވަރުގަދަ އަށް ހަރަކާތްތެރިވާނެ. ހާއްސަކޮށް މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ އިންތިހާބު ވެގެންދާނީ އެންމެ މުހިންމު އިންތިހާބަށް،" ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އެންމެ އިސް ވަކީލް ޖަމީލް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ރައީސް ޔާމީންގެ މި ޕާޓީވެގެން ދާނީ މިއޮތް ސަރުކާރަށް ވެސް އަންނަ ގޮންޖެހުންތަކުގައި މޭ އައްޑަނައަކަށް ދިއްކޮށްގެން މި ސަރުކާރު ވެސް ދިފާއު ކުރާނެ ޕާޓީ،"

އެމްއެންއެފް އިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ރައީސް ޔާމީންގެ އާ ސިޔާސީ ޕާޓީ އަށް 3،000 ފޯމް ހަމަކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ޕީއެންއެފްގެ މުއައްސިސެއްގެ ގޮތުގައި ހުންނަވާނީ ޔާމީންގެ ދަރިކަލުން ޒޭން ޔާމީން އަބްދުލްގައްޔޫމް އެވެ. އީސީގެ ގަވާއިދު ބުނާ ގޮތުން ޕާޓީއެއްގެ މުއައްސިސެއްގެ ގޮތުގައި ހުންނެވެނީ އެންމެ މީހަކަށެވެ.

ޒޭންގެ އިތުރުން އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް މަސައްކަތް ކުރައްވަނީ ޔާމީނާއި ޖަމީލްގެ އިތުރުން ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދާއި ކުރީގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ އާއި އަދްލީ އިސްމާއީލް އާއި ޑރ. ޖިހާދު ހަސަން އަދި ކަކާގޭ އަލީ އާދަމެވެ.