ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ދޮގު ހަދައި އޮޅުވާލައިގެން ކަމަށާއި މިއީ ކާމިޔާބު ސަރުކާރަކަށް ނުވާނެ ކަމަށް އެމްޓީސީސީ ކުރީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވަން ފޯމު ހުށަހެޅުއްވުމަށްފަހު އާޒިމް މިއަދު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ދޮގު ހަދައި އޮޅުވާލައިގެންކަން މިއަދު ދިވެހި ރައްޔިތުން ވެސް ގަބޫލުކުރާ ކަމަށެވެ.

"ބޮޑެތި ދޮގުތައް ހަދައި ރައްޔިތުންނަށް އޮޅުވާލިކަން މިހާރު ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ. އޮޅުވާލައި ދޮގު ހަދައިގެންކަން އިންތިހާބު ކާމިޔާބު ކުރީ ވެސް. އެތައް ހާސް އިންޑިއާ ސިފައިންނެއް ތިބި ވާހަކަ ބުނި. ކޮބައިތޯ އެ މީހުން؟،"

އާޒިމް ވިދާޅުވީ ކެމްޕޭން ތެރޭގައި ރައީސް މުއިއްޒު ދެއްކެވީ ރާއްޖެ ދަރަނިވެރިވާ ވާހަކަ ކަމަށާއި އެކަމަކު ފެންނަމުން މިދަނީ ބޮޑެތި ހަރަދުތައް ކުރަމުންދާ ތަން ކަމަށެވެ.

"ހަމައެކަނި ހުވާ ކޮށްލަން 18 މިލިއަން ހަރަދުކޮށްލި. މުލީއާގެ ހަދަން 16 މިލިއަން. ކާރުތައް ގެންނަން 140 މިލިއަން ހަރަދުކުރަން އެ އުޅެނީ. ކޮބައިތޯ ދަރަނިވެރިވެފައި؟ އެހެންވީމާ އަޅުގަނޑުމެންނަށް އެނގޭ ސީދާ އޮޅުވާލައި ދޮގު ހަދައިގެން ކަން އައިސް އެތިބީ ރައްޔިތުންނަށް ބިރު ދައްކައިގެން ކަން ވެރިކަމަށް އައިސް އެތިބީ," އާޒިމް ވިދާޅުވި އެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އާޒިމް ވިދާޅުވީ އޭނާއަށް ފަސޭހަކަމާއެކު އިންތިހާބު ކާމިޔާބުވާ މަންޒަރު ފެންނަ ކަމަށެވެ.